އާންމުތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކުރާ ގަވާއިދު ލަންކާގެ ކެބިނެޓުުން މިދިޔަ އަންގާރަ ދުވަހު ބަލައިގަނެ ފާސްކޮށްފިއެވެ.

އާންމުތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކުރާ ގަވާއިދާ ބެހޭގޮތުން އަލިފުދާލުން މީގެކުރިން ވެސް ބުނެފައި ވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފުކަމެއްކަމަަށެވެ. ނަމަވެސް ލަންކާގެ ކެބިނެޓުުން މިގަވާއިދު ބަލައިގަނެ ފާސްކޮށްފައިވާކަމަަށް ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ލަންކާގެ ކެބިނެޓުުން މިގަވާއިދު ބަލައިގަނެ ފާސްކޮށްފައިވިނަމަވެސް، މިގަވާއިދަށް އަމަލުކުރަން ފަށާނީ، ލަންކާގެ އެޓާނީ ޖެނެރަލް އޮފީހުން މިގަވާއިދު ބަލައިގަތުމަށްފަހު، ގާނޫނު ހަދާ މަޖިލީހުން މިގަވާއިދު ބަލައިގަނެ ގާނޫނަކަށް ހެދުމުންނެވެ.

އާންމުތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރާ ގަވާއިދު ލަންކާގެ ކެބިނެޓަށް ހުށައަޅާފައިވަނީ މިއަހަރުގެ މަރޗް މަހު ސްރީލަންކާގެ މިނިސްޓަރ ފޯ ޕަބްލިކް ސެކިއުރިޓީ، ސަރަތު ވީރަސެކަރަ އެވެ. މިއީ ބުރުގާގެ ހުރިހާ ވައްތަރެއް މަނާ ކުރާ ގަވާއިދެއް ނޫން ކަމަށާއި، މިގަވާއިދުގައި މަނާކުރަނީ ހަމައެކަނި މީހާ އަކީ ކާކުކަން ނޭނގޭވަރަށް ހަށިގަނޑާއި މޫނު ނިވާކޮށްފައި ހުންނަ ބުރުގާކަމަށްވެސް ސަރަތު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މިއީ ދީނުގެ ނަމުގައި ހަރުކަށިވިސްނުން ފަތުރާ ބަޔަކު ކުރުވާކަމެއްކަމަށްވެސް ސަރަތު ވިދާޅުވެފައިވެއެވެ.

މިގަވާއިދާއި ގުޅިގެން ސްރީލަންކާގެ މުސްލިމުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި، ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ސްރީލަންކާ އަށް ފާޑުކިޔާފައިވެއެވެ. އަދި މިއީ އެގައުމުގައި މުސްލިމު ކޮމިއުނިޓީތަކަށް އެކިފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން ހިންގާ ޖަރީމާ އެއްކަމަށް ގިނަބަޔަކު ފާހަގަކޮށްފައިވެއެވެ.

ލަންކާގައި 2019 ވަނައަހަރު ދެވުނު އީސްޓަރ ބޮމުގެ ހަމަލާއަށްފަހުވެސް ވަގުތީ ގޮތުން އާންމުތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން