މިނިސްޓަރ ފައްޔާޒު އިސްމާއީލް
މިނިސްޓަރ ފައްޔާޒު އިސްމާއީލް
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ 300 މީހުން ވަރަށް އަވަހަށް އަނބުރާ ފޮނުވާލެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެިޓީގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އަނބުރާ ގައުމަށް ދިއުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި 800 އަށް ވުރެ ގިނަ ބަނގްލަދޭޝް ރައްޔިތުން ނަން ނޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ފަރާތްތަކުގެ އަތުގައި ރަސްމީ އެއްވެސް ލިޔެކިއުމެއް ނެތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އިތުރު ފްލައިޓެއް ބަންގްލަދޭޝްގެ ފަރާތުން ވެސް އެބަ ފޮނުވާކަމަށް އަޅުގަނޑުމެނަށް ހަބަރު ލިބިފައި އެބައޮތް. 300 އެއްހާ މީހުން އޭގެން ފޮނުވާލެވޭނެ ކަމަށް އުންމީދު ކުރުވޭ،" މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ބަންގްލަދޭޝް ގިނަ މީހުންގެ އަތުގައި ރަސްމީ ލިޔެކިޔުން ނުހުންނަ ކަމަށާއި، އެމީހުންގެ ޕާސްޕޯޓެއް ހެދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ބަންގްލަދޭޝް އެމްބަސީއާ އެގައުމުގެ ސަރުކާރުގެ އެއްބާރުލުން ލިބިގެން އެންމެ އަވަހަށްވެސް ޕާސްޕޯޓެއް ހެއްދުމަށް ހަތަރު މަސް ނުވަތަ ހަ މަސް ދުވަސް ނަގާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ލައްކައަކާ ގާތްކުރާނެ ކަމަށާއި، އެ ހުރިހާ މީހުން ހައްޔަރުކޮށްގެން ގެންގުޅޭނަމަ މަހަކު 300 މިލިއަނެއްހާ ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެންކަމުން މީގެ ކުރިންް ނިންމީ އެމީހުން ގާނޫނުގެ ތެރެއަށް ވެއްދުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން ބަންގްލަދޭޝްއާއި ނޭޕާލްގައި ތިބި ދިވެހި ކިޔަވާ ކުދިން ގޮވައިގެން އައި ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ބޯޓެއްގައި އެގައުމުގެ 60 އެއްހާ މީހުން ވަނީ ގެންގޮސްފަ އެވެ. އެއީ ވެސް ގަވާއިދާއި ހިލާފަށް އުޅުނު މީހުންނެވެ.

ރާއްޖެ އިން މިހާތަނަށް 481 މީހަކަށް ކޯވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން 258 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން