މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ
މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ
ވެންޓިލޭޓަރު ގަތުމަށް ހަވާލު ކުރުމުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް އޭސީސީން ނިންމާފައިވާ ކަމަށްބުނާ މައްސަލަ ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ ކޮމިޝަން ހާޒިރު ކުރަން ނިންމައިފިއެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވިދާޅުވީ ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީއިން ބުނެފައިވާ ކަމަށެވެ.

އެހެންނަމަވެސް ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރުމުގައި ގާނޫނުއަސާސީ ބުނެފައިވާ ގޮތަށް މިނިސްޓަރު އަބްދުﷲ އަމީން އަމަލުކުރައްވާފައި ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވެފައިވާ ކަމަށާއި، މިހާތަނަށް އާންމުވެފައިވާ މައުލޫމާތަކަށް ބަލާއިރުވެސް އޭގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭކަން އެނގެން އޮންނަ އިރު އެކަން ނުބަލައި އޭސީސީއިން މައްސަލަ ނިންމީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް މެމްބަރު ސަނީފް ވިދާޅުވިއެވެ.

"(ވެންޓިލޭޓަރު ގަންނަން ދިނުމުގައި) މައްސަލަތަކެއް ހުރިކަމަށް އަޅުގަނޑުމެންނަށް މިއަދު ފާހަގަ ކުރެއްވިއްޖެ. އެކަމަކު އެބޭފުޅުން ހަމަ ސީދާ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުން، ޕްރެސްގައި އެބަހުއްޓޭ ވިދާޅުވެފައި، ވެންޓިލޭޓަރު ބިޑްކުރުމުގައި މައްސަލައެއް ފާހަގަކުރެވިފައި ނެތް ކަމަށް." ސަނީފު ވިދާޅުވި އެވެ.

ވެންޓިލޭޓަރު މައްސަލާގައި އޭސީސީ މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ.

"އޭސީސީގެ އިތުބާރު ގެއްލޭފަދަ ގޮތަކަށް މި މައްސަލާގައި އަމަލު ކުރެވިފައި އެބައޮތް. މިކަމުގައި އެއްވެސް ކަހަލަ ކޮރަޕްޝަނެއް ނެތް ކަމަށް ނޫސްބަޔާނެއް ދީފައި އޮތީ. މުގައްރިރު ތިވިދާޅުވަނީ އެއީ އެވަގުތު އެބޭފުޅުންނަށް ލިބިފައި އޮތް މައުލޫމާތު ގެ މައްޗަށޭ. އަޅުގަނޑު ގަބޫލުކުރާ ހިތްއޮތީ އޭސީސީ ކަހަލަ ތަނަކުން ހީވާގޮތަކަށް އެވަގުތަށް ލިބޭ މައުލޫމާތަށް މިކަހަލަ ކަންކަމުގައި ގޮތް ނިންމައިގެން ނުވާނެއޭ." އަހުމަދު ހަލީމް ވިދާޅުވި އެވެ.

އޭސީސީ ހާޒިރު ކުރަން އަހުމަދު ހަލީމު ހުށަހެޅުއްވި އިސްލާހަށް ތާއީދު ކުރެއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. ރޮޒައިނާ ވިދާޅުވީ އެންމެ ލަސްވެގެން އާދިއްތަ ދުވަހުގެ ކުރިން އޭސީސީ ހާޒިރު ކުރެވޭތޯ ބައްލަވާނެ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ގަންނަ ވެންޓިލޭޓަރ ތަކާ ބެހޭގޮތުން މަޖިލަށް ދެއްވި ޖަވާބުގައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވެފައިވަނީ ވެންޓިލޭޓަރ ގަންނަން އެކިފަރާތްތަކާ ހަވާލުކުރީ ބިޑްކޮށްގެން ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން