ކޮވިޑާއި ގުޅިގެން އިންޑިއާގެ ހޮސްޕިޓަލްތައް އޮކްސިޖަނަށް ޖެހިފައިވާތީ، އިންޑިއާއަށް އެހީވުމުގެ ގޮތުން އެމެރިކާއިން 400 އޮކްސިޖަން ސިލިންޑަރު ފޯރުކޮށްދީފިއެވެ.

އިންޑިއާގައި ކޮވިޑުގެ ދެވަނަ ރާޅާއެކު މިބަލީގައި ހާލުބޮޑުވާމީހުން ގިނަވެ، ހޮސްޕިޓަލުތަކުން އޮކްސިޖަން ހުސްވުމާއިއެކު ދުނިޔޭގެ އެކި ގައުމުތަކުން ދަނީ އިންޑިއާއަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން އެމެރިކާ އިން އިންޑިއާއަށް ފޮނުވި އެހީގެ ތަކެތި ހިފައިގެން ދިޔަ މިލިޓަރީ ފްލައިޓު ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އިންޑިއާއަށް ޖައްސާފައެވެ.

މިއަދު އެމެރިކާއިން އިންޑިއާއަށް ފޮނުވި އެހީގެ ތަކެތީގެ ތެރޭގައި، 400 އޮކްސިޖަން ސިލިންޑަރާއި، މިލިއަނެއްހާ ރެޕިޑް ޓެސްޓު ކިޓާއި، އެން95 މާސްކް ހިމެނެއެވެ.

މިއީ އެމެރިކާއިން ފޮނުވި އެހީގެ ފުރަތަމަ ބެޗް ކަމަށްވާއިރު، އެހީގެ އިތުރު ތަކެތި އިންޑިއާއަށް ފޮނުވުމަށް އެމެރިކާ ސަރުކާރުން ވަނީ ނިންމާއެވެ. މިގޮތުން އެެމެރިކާއިން އިންޑިއާއަށް އެހީގެ ގޮތުގައި ފޮނުވާ ތަކެތީގެ ޖުމްލަ އަގު 100 މިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް ބެލެވެއެވެ.

އެމެރިކާ ސަރުކާރުން އިންޑިއާއަށް އެހީވުމަށް ނިންމުމުގެ ކުރިން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ގުޅުއްވާ އިންޑިއާގެ ހާލަތު ބައްލަވައިލައްވާފައެވެ.

މީގެއިތުރުން، އެމެރިކާގެ ބައެއް އަމިއްލަ ކުންފުނިތަކުން އިންޑިއާއަށް ފޮނުވަން ބޭނުންވާ ބައެއް އެހީގެ ތަކެތިވެސް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިންޑިއާއަށް ފޯރުކޮށްދެވޭނެކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން