ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް (ފޮޓޯ:- ޝާހް- ރަސް)
ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް (ފޮޓޯ:- ޝާހް- ރަސް)
ކޯވިޑް-19 ގެ ފަރުވާތަކަށް ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރަން ފަށަން ނިންމައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޯވިޑް-19 އޮޕަރޭޝަންތަކަށް ސަރުކާރަށް ޓްރީޓޮޕް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެ ހޮސްޕިޓަލުގެ ބޯޑުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ.

"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ޓްރީޓޮޕް ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ ފަރާތުން ސަރުކާރުން ކޯވިޑް-19 އާ ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ބޭނުންކުރުމަށް ވަނީ ހުޅުވާލާފައި. އެބޭފުޅުން ސަރުކާރަށް މިތަން ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް ބޯޑު ރެސޮލިއުޝަނެއް ފާސްކުރައްވާފައިވޭ." އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ސަރުކާރާއި ޓްރީޓޮޕް ހޮސްޕިޓަލާ ކުރެވުނު މަޝްވަރާތަކުގައި ސަރުކާރުން ބޭނުން ޖެހިއްޖެ ހިނދެއްގައި ޓްރީޓޮޕް ހޮސްޕިޓަލް ކޯވިޑް-19 ގެ ފަރުވާދޭ ސެންޓަރަކަށް ބަދަލުކުރެވިދާނެ ގޮތަށް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހަށް އެ މަސައްކަތްތަކަށް އެ ހޮސްޕިޓަލު ބޭނުންކުރެވޭނެ ކަމަށެވެ.

"ސަރުކާރުން ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރުމަށް މިހާރު ވަނީ އެދިވަޑައިގެންފައި. އަދި މިކަމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުން މިކަމާ ގުޅޭ އިންތިޒާމުތައް ދަނީ ރާއްވަވަމުން. އެބޭފުޅުން މާދަމާ މިކަމާ ގުޅިގެން އެނައުންސްމަންޓެއް ނެރުއްވާނެ. މިކަމާ ގުޅިގެން އެބޭފުޅުންގެ ހިދުމަތްތައް ކުރިއަށްގެންދާނެ ގޮތާ ބެހޭގޮތުން. ޓްރީޓޮޕް ހޮސްޕިޓަލުގައި މިވަގުތު ތިއްބެވި ބަލި މީހުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ބަދަލުކުރެވޭނެ. އަދި އިތުރު ހިދުމަތްތައް ދިނުމަށް ރޭވިފައިވާ އިންތިޒާމުތައް ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރާތުން ތިބޭފުޅުންނަށް ހާމަކުރައްވާނެ." މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ބޭނުން ވެއްޖެ ހިނދެއްގައި އެ ހޮސްޕިޓަލް ހުރިހާ ފެސިލިޓީއަކާއެކު ސަރުކާރަށް ދޭ ގޮތަށް ޓްރީޓޮޕް ހޮސްޕިޓަލް ގެ މެންބަރުންގެ ބޯޑުން ނިންމާފައިވަނީ މިދިޔަ އެޕްރީލް މަހުގެ ކުރީކޮޅުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން