މާލެސިިިޓީ
މާލެސިިިޓީ
ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް، ޔުނިސެފާ މޯލްޑިވިއަން ރެޑްކްރެސެންޓް މެދުވެރިކޮށް އެހީގެގޮތުގައި 541 ހާހަށްވުރެ ގިނަ އެމެރިކާ ޑޮލަރު ޖަޕާން ސަރުކާރުން ދީފިއެވެ.

ޖަޕާން ސަރުކާރުން ވެދިން މި އެހީގެ ތެރެއިން ޔުނިސެފަށް ދީފައިވަނީ 356400 ޑޮލަރެވެ. އަދި މި އެހީގެ ތެރެއިން މޯލްޑިވްސް ރެޑްކްރެސެންޓަށް 185000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފައި ވެއެވެ.

ޖަޕާނުގެ މި އެހީތެރިކަން ބޭނުން ކުރެވޭނީ ސިއްޙީދާއިރާ އަށް ބޭނުންވާ ސާމާނު ހޯދުމާއި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން ސްކޫލްތަކުގައި ހިންގާ އޮންލައިން ކްލާސްތަކާއި، ޓެލެކްލާސްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ މުއާސަލާތީ ވަސީލަތްތައް ޤާއިމްކުރުމަށް މި އެހީތެރިކަން ބޭނުންކުރާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި، ކޯވިޑް-19 ގެ މި އުނދަގޫ ވަގުތު ޖަޕާން ސަރުކާރުން ރާއްޖެއަށް މި ފޯރުކޮށްދިން އެހީތެރިކަމަށް ޓަކައި ޖަޕާންގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކޮށްފައި ވެއެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގައި ވަރަށް ބޮޑަށް ހިއްސާވެފައިވާ ގައުމެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ މާލެ ވަށައި ލެވިފައިވާ ބޭރުތޮށީގެ މަޝްރޫޢެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން