ރާއްޖޭގައި ފްރަންޓްލައިންގައި ހަރަކާތްތެރިވެވަޑައިގަންނަވާ ދެބޭފުޅަކު ސާމްޕަލް ނެގުމުގެ މަސައްކަތުގައި
ރާއްޖޭގައި ފްރަންޓްލައިންގައި ހަރަކާތްތެރިވެވަޑައިގަންނަވާ ދެބޭފުޅަކު ސާމްޕަލް ނެގުމުގެ މަސައްކަތުގައި
ރާއްޖެއިން އިތުރު 10 މީހުން ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 500 އާ ގާތްކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެންމެ ފަހުން ފައްސިވެފައި ވަނީ ފަސް ދިވެހިންނާއި ބަންގްލަދޭޝްގެ ތިިން މީހަކާއި އިންޑިއާގެ ދެމީހެއް ކަމަށެވެ.

އެހެންކަމުން ރާއްޖެ އިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 491 އަށް އަރާފައެވެ.

އެންމެ ފަހުން ފައްސިވި ދިވެހިންގެ ތެރޭގައި 87 އަހަރުގެ އަންހެނަކު ވެސް ހިމެނެއެވެ. އޭގެ އިތުރުން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ވެސް ފައްސިވި މީހުންގެ ތެރޭގައި ހިމެނެއެވެ. ދެން ހިމެނޭ ދިވެހިންނަކީ 26 އަހަރުގެ ފިރިހެނަކާއި 44 އަހަރުގެ އަންހެނަކާއި 40 އަހަރުގެ އަންހެނެއް ކަމަށް ކޯވިޑް-19 ގެ މަޢުލޫމާތު ޢާއްމު ކުރުމަށް ހެލްތް މިނިސްޓްރީން ތަޢާރަފްކޮށްފައިވާ ޑޭޝްބޯޑުގައި ވެއެވެ.

މިރޭ ފައްސިވި 10 މީހުންނަކީ ކުރިން ފައްސިވެފައިވާ މީހަކާއި އެއްވެސް ގުޅުމެއް އޮތް ބައެއް ކަން އަދި އެޗްޕީއޭ އިން ކަށަވަރު ކޮށެއް ނުދެއެވެ.

ރާއްޖޭން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަނގްލަދޭޝް މީހުންނެވެ. އެޤައުމުގެ 261 މީހުންނަށް ބަލި ޖެހިފައިވާއިރު، ބައްޔަށް ޕޮޒިޓިވް ވެފައިވާ ދިވެހިންގެ ޢަދަދަކީ 157 އެވެ. މީގެ އިތުރުން އިންޑިއާގެ 51 މީހަކުވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިހާރު ރާއްޖޭން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 69 އަންހެނުންނާއި 422 ފިރިހެނުންނެވެ.

ރާއްޖޭން މިހާތަނަށް މިބަލި ޖެހުނު މީހުންގެ ތެރެއިން 17 މީހަކު ރަނގަޅުވެފައިވާއިރު، މިބަލީގައި ދުނިޔެ ދޫކޮށްފައިވަނީ އެންމެ މީހެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން