ކޯވިޑް-19 ގަުޅިގެން މާލެ ސިޓީ ލޮކްޑައުންގައި
ކޯވިޑް-19 ގަުޅިގެން މާލެ ސިޓީ ލޮކްޑައުންގައި
ކޯވިޑް-19 އާ ގުޅިގެން އެމެރިކާއިން ފޯރުކޮށްދެމުން ދާ އެހީގެ ތެރެއިން 30.8 މިލިއަން ރުފިޔާގެ އެހީ ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

އެމެރިކާގެ ހާރިޖިއްޔާއިން އާންމުކޮށްފައިވާ ބަޔާނެއް ބުނެފައިވާ ގޮތުގައި، ކޯވިޑް-19އާ ގުޅިގެން އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް 2 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.

މިފަދަ ވަގުތެއްގައި އެމެރިކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ މި އެހީ ފާހަގަކުރައްވާ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ އަދި އެމެރިކާއިން ދިވެހިރާއްޖެއަށާ ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑާ އެލައިނާ ބީ ޓެޕްލިޓްޒްއަށް ޝުކުރު އަދާކުރައްވާފައެވެ. މިފަދަ އެހީތަކަކީ ރާއްޖޭގެ ބައިވެރިންގެ ފަރާތުން މި ގައުމަށް ބޭނުންވެފައިވާ އެހީތެރިކަމެއް ކަންވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

2 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަށް 30.8 މިލިއަން ދިވެހި ރުފިޔާއަކީ އެމެރިކާގެ އިކޮނޮމިކް ސަޕޯޓް ފަންޑް ގެ ތެރެއިން ހަމަޖެހިގެންދާ އެހީއެއް ކަމަށް މައުލޫމާތު ލިބެއެވެ. އެމެރިކާ ހާރިޖިއްޔާއިން ބުނާ ގޮތުގައި އީއެސްއެފް އެހީއަކީ، ކުރުމުއްދަތުގައި ބަލިމަޑުކަމުގެ ގެއްލުންތަކުން އަރައިގަތުމުގެ އިތުރުން، ބަލިމަޑުކަމުގެ ސަބަބުން ދިގުމުއްދަތުގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުން އަރައިގަތުމަށް އެކި ދާއިރާތަކަށް ހާއްސަކޮށްގެން ދެވޭ އެހީއެކެވެ.

މި މަޝްރޫއުގެ ދަށުން އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީއަކީ ކޯވިޑް-19 ގެ ސަބަބުން ކުރި އަސަރުތަކުން އަރައިގަތުމަށް އިޖުތިމާއީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަދަނީ ޖަމިއްޔާ، ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ހާއްސަކޮށްގެން ދޭ އެހީއެއް ކަމަށްވެސް އެމެރިކާގެ ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ކޯވިޑް-19ގެ ސަބަބުން ނޭދެވޭ ބޮޑު އަސަރުތަކެއް ކޮށްފައިވާ ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަށް ދިވެހި ސަރުކާރަށް ބޭނުންވާ ފަންނީ އެހީއާއި، ޕްރައިވެޓް ސެކްޓަރާ މާލީ އިދާރާތަކަށް ބޭނުންވާ އެހީތެރިކަންވެސް މި ފަންޑުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް އެމެރިކާ ހާރިޖިއްޔާއިން ބުނެއެވެ.

2004 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ދިވެހިރާއްޖޭގައި ކޮށްފައިވާ އެކި އިންވެސްޓަމަންޓްތަކުގެ އަގު، 30 މިލިއަން ޑޮލަރަށްވުރެ ބޮޑު ވާނެ ކަމަށް އެމެރިކާގެ ހާރިޖިއްޔާއިން ފާހަގަކުރެއެވެ.

އެމެރިކާއިން ގިނަ ޤައުމުތަކަކަށް ކޯވިޑް-19 އަށް ހާއްސަކޮށްގެން އެހީގެ ޕެކޭޖުތަކެއް ދޭން ނިންމާފައި މިވަނީ، ކޯވިޑް-19 އާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުންދާ އދގެ ސިއްހަތާ ބެހޭ އިދާރާ އަށް އެމެރިކާއިން ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަން މެދުކަނޑާލާނެ ކަން އެގައުމުން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން