އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަން.
އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަން.
ކޮވިޑުގެ ދެވަނަ ރާޅާއިއެކު ހާލުގައި ޖެހިފައިވާ އިންޑިއާގެ ހޮސްޕިޓަލްތަކަށް އެހީތެރިވުމަށް އެތައްގައުމަކުން އިސްނަގާފައިވާއިރު، އިންޑިއާގެ މަޝްހޫރު އެތައް ފަންނާނުން ވެސް ދަނީ ކޮވިޑާއި ގުޅިގެން އެކި ގޮތްގޮތަށް އެހީތެރިވުމަށް މަސައްކަތްކުރަމުންނެވެ.

މިގޮތުން އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަން މިވަނީ ދިއްލީގައި ކޮވިޑް ފެސިލިޓީއެއް ގާއިމުކޮށްދިނުމުގެ އިތުރުން، 1500 ދަނޑުވެރިންގެ ލޯނު ދައްކައިދިނުމާއިއެކު، އިސްސަަފުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް ބޭނުންވާ ޕީޕީއީ ފަދަ ތަކެއްޗާއި މާލީ ހާލަތު ތަނަވަސް ނޫން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ. މިކަމާބެހޭގޮތުން އަމީތާބްގެ އަމިއްލަ ބްލޮގްގައި ހާމަކޮށްފައިވާ ގޮތުގައި ދިއްލީގައި ކޮވިޑް ފެސިލިޓީއެއް ގާއިމުކުރުމަށް އަމީތާބް ވަނީ 10 މިލިއަން އިންޑިއަން ރުޕީސް ޚަރަދުކޮށްފައެވެ.

އަދި ލޯނުތަކާހެދި މާޔޫސްވާ ފަރާތްތަކަށް ލުއެއް ދިނުމުގެ ގޮތުން 1500 ދަނޑުވެރިންގެ ލޯނު އަމީތާބް ވަނީ ދައްކައިދީފައެވެ. މީގެ އިތުރުން މާލީ ހާލަތު ތަނަވަސް ނުން 400،000 މީހުންނަށް އެއްމަސްދުވަހުގެ ކެއިންބުއިމުގެ އިންތިޒާމުވެސް އަމީތާބް ވަނީ ހަމަޖައްސައިދީފައެވެ. މީގެތެރޭގައި އިންޑިއާގެ ކޮންމެ ސިޓީއަކުން ގާތްގަނޑަކަށް 5000 މީހުންގެ މެންދުރު ކެއުމާއި ރޭގަނޑުގެކެއުން ހިމެނެއެވެ.

އިސްސަަފުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް އެހީވުމުގެ ގޮތުން އަމީތާބް ވަނީ މާސްކާއި ޕީޕީއީވެސް ހޮސްޕިޓަލްތަކަށް ހަދިޔާކޮށްފައެވެ.

އިންޑިއާގެ އެކި ސަރަހައްދުތައް ލޮކްޑައުން ކުރުމާއިއެކު، އެކި އަވަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމިއްލަ ގެއަށް ނުދެވި ތާށި ވުމުން، އެމީހުން ގެއަށް ފޮނުވުމަށް 30 ބަސް ބުކްކޮށް ރޭގަނޑުގެ ކެއުމާއި ފެނާއެކު މިމީހުން ފޮނުވާލުމަށްވެސް އަމީތާބް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި 2800 މީހަކު އެމީހުން ދިރިއުޅޭ އަވަށްތަކަށް ފޮނުވާލުމަށް އަމީތާބް ވަނީ ޓްރެއިންއެއްވެސް ބުކްކޮށްދީފައެވެ. ނަމަވެސް ލޮކްޑައުންގެ ގަވާއިދުތަކާއިއެކު މި ޓްރެއިން ދަތުރުކުރުމަށް ހުރަސް އެޅުމުން ތިން ފްލައިޓު ޗާޓަރުކޮށް އެމީހުން ފުރުވާލަދިންކަމަށް ޚަބަރުތައް ބުނެއެވެ.

އަމީތާބް މި ވެދިން އެހީތެރިކަމަކީ އޭނާގެ އަމިއްލަ ޖީބުން ކޮށްފައިވާ ޚަރަދުތަކެއް ކަމަށް ފާހަގަކޮށް، މިފަދައިން ދެވޭ އެހީތެރިކަމަކީ އާންމުކޮށް އިއުލާންކުރަން ލަދުގަންނަކަމެއްކަމަށް އަމީތާބް ވަނީ ފާހަގަކޮށްފައެވެ.

އަމީތާބްގެ އިތުރުން ގިނަ ފިލްމީ ތަރިންތަކެއް ވަނީ މިބަލިމަޑުކަމުގައި އިންޑިއާއަށް އެހީތެރިވުމަށް އިސްނަގާފަައެވެ. ނަމަވެސް، އެފަދަ މާލީ އެހީތެރިކަމެއް ފޯރުކޮށް ނުދޭ ތަނަވަސް ފަންނާނުން ފާހަގަކޮށް އިންޑިއާގެ ބައެއް އާންމުން ދަނީ އެމީހުންނަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން