ކޮވިޑުގެ ދެވަނަ ރާޅާއެކު އިންޑިއާގައި ނުރައްކާތެރި އިންފެކްޝަނެއް ފެތުރެންފަށައިފިއެވެ.

ބްލެކް ފަންގަސްގެ ނަމުން ނަންދެވިފައިވާ މިފަންގަލް އިންފެކްޝަން އިންޑިއާގައި މިހާރު ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ. މިފަންގަލް އިންފެކްޝަންގެ ނުރައްކަލަކީ މިއިންފެކްޝަން ފެތުރެމުންދާވަރަކަށް ގައިގެ ހަންގަނޑުގެ ޓިޝޫތައް ކައި ވިރުވާލާތީއެވެ.

މިގޮތުން ކޮވިޑު ޖެހި، ބްލެކް ފަންގަސް އިންފެކްޝަން ޖެހުނު އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ މިލިންދް ދޭޝްމުކް އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން، މަސްދުވަސް ތެރޭގައި މިއިންފެކްޝަން އޭނާގެ މުޅި މޫނުމައްޗަށް ފެތުރި މޫނުމަތީގެ ބޮޑު ބައެއް ވިރިގެންދިޔައިރު ކަނާތު ލޮލާއި އަނގަމަތިވެސް ހަލާކުވެގެން ދިއަކަމަށް ބުނެފައިވެއެވެ. އޭނާ މި ބައްޔަށް ފަރުވާ ހޯދުމަށް ތިން ސާޖަރީއެއް ކުރެވުނު އިރު، އެއްލޮލަށް މިހާރު ނުފެންނަކަމަށާއި އަދި ވާހަކަ ދައްކައި ހިނގައި އުޅެންވެސް އުނދަގޫކަމަަށް އޭނާ ބުނެފައިވެއެވެ.

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑު ފެތުރެމުންދާއިރު، މިބައްޔާއެކު ބްލެކް ފަންގަސް އިންފެކްޝަން ފެތުރެމުންދާ މިންވަރު ހަލުވިކަންވެސް އިންޑިއާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ. އަދި މި އިންފެކްޝަނަކީ ކުރިންވެސް އިންޑިއާއިން ފެނުނު ބައްޔަކަށް ވިނަމަވެސް، މިހާރު ގިނައިން މިބަލި ފެންނަމުންދަނީ ކޮވިޑް ޖެހިފައިވާ މީހުންނާއި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންގެ ކިބައިންކަމަށްވެެއެވެ. އަދި ބްލެކް ފަންގަސް އިންފެކްޝަނަކީ ފަރުވާ ކުރަންވެސް އުނދަގޫ ބައްޔެއްކަމަށް އިންޑިއާގެ ގިނަ ސިއްހީމާހިރުން ބުނެއެވެ.

އިންޑިއާގެ މަޝްހޫރު މުމްބާއި ސިޓީ ހިމެނޭ މަހާރަޝްތުރާ ސްޓޭޓުން އެކަނިވެސް 2000 މީހަކަަށް މިއިންފެކްޝަން ޖެހިގެން ރިޕޯޓުކޮށްފައިވާކަމަށް އެސަރަހައްދުގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވާއިރު، 8 މީހަކު ވަނީ މިއިންފެކްޝަނުގެ ސަބަބުން ހާލުބޮޑުވެ މަރުވެފައެވެ.

ބްލެކް ފަންގަސް އިންފެކްޝަން ނުވަތަ މުކޯމައިކޯސިސް ޖެހެނީ މުކޯމައީޓްސް ނަމަކަށް ކިޔާ ފަންގަސްގެ ގްރޫޕަކުންނެވެ. މިފަންގަސް އާންމުކޮށް ދިރިއުޅެނީ ވެލިގަނޑުގައްޔާއި، މަރުވަމުންދާ ފަތްޕިލާވެލި ފަދަ ދިރޭތަކެތީގެ އިތުރުން ހަލާކުވެ ފިނިހިފާފައިހުންނަ ލަކުޑީގައެވެ. ނޭވާލުމުގެ ތެރޭގައި މިފަންގަސް އިންސާނެއްގެ ހަށިގަނޑުގެ ތެރެއަށް ހިނގައްޖެނަމަ ފުއްޕާމޭގައި އިންފެކްޝަން އުފެދެންފަށައެވެ. އަދި ހަންގަނޑުން ކުޑަތަންކޮޅެއް ހަލާކުވެފައި ހުންނަ ސަރަހައްދުން މިފަންގަސް އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ވަދެ އިންފެކްޝަން އުފެދި ފެތުރެންފަށައެވެ.

ގިނަ ސިއްހީ މާހިރުން ލަފާކުރަނީ ބްލެކް ފަންގަސް އިންފެކްޝަން އިންސާނުންނަށް ފެެތުރެންފަށަނީ ހަށިގަނޑުގައި އިންފެކްޝަނާ ހަނގުރާމަކުރުމުގެ ބާރުދައްވެފައިތިބޭމީހުންގެ މެދުގަައިކަމަށެވެ. މިގޮތުން ކޮވިޑް ޖެހިފައިވާ މީހުންގެ މެދުގައި މިއިންފެކްޝަން ފެތުރިގެން ދަނީ ކޮވިޑުބައްޔަށް ފަރުވާކުރުމަށް ދެވޭ ބާރުގަދަ ސްޓެރޮއިޑް ފަދަ ބޭސްތަކުގެ ސަބަބުން ހަށިގަނޑުގައި އެހެން އިންފެކްޝަންތަކާއި ހަނގުރާމަކުރުމުގެ ބާރު ދަށްމުންކަމަށް ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން