އިސްރާއީލާއި ފަލަސްޠީނާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓާލުމަށް ތާއީދުކުރާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިކަން ހާމަކުރަށްވާފައިވަނީ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ބައިޑަން ވިދާޅުވީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެމެރިކާއިން ތާއީދުކުރާކަމަށާއި މިޞްރުފަދަ އެކަމަށް މަސައްކަތްކުރަމުންދާ އެހެން ޤައުމުތަކާއެކު އެކަމާއި ގުޅިހެން މަޝްވަރާވެސް ކޮށްފައިވާކަމަށެވެ. ނަމަވެސް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް އެދިވަޑައިގެންފައެއް ނުވެއެވެ.

ދުނިޔޭގެ ގިނަ ބަޔަކު އިސްރާއީލްގެ ލާއިންސާނީ އަމަލުތައް ކުއްވެރިކުރަމުންދާއިރު، އިސްރާއީލާ ދެކޮޅަށް ކަމެއް ނުކުރެވިގެން އުޅެނީ އެމެެރިކާއިން އިސްރާއީލް ދިފާއުކުރާތީއެވެ. އެގޮތުން އިސްރާޢީލުގެ ދިފާޢަށާއި ސަލާމަތަށް ކުރަންޖެހުނު ކޮންމެ ކަމެއް އެ ޤައުމުން ކުރަންޖެހޭނެކަމަށާއި އެއީ އެ ޤައުމަށް ލިބިފައިވާ ޙައްޤެއްކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ޙަމަލާތަކުގައި ފާއިތުވި ހަފުތާގެ ތެރޭގައި 200އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 7000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން