ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކޯވިޑް-19 އާ ގުޅިގެން ޤައުމުގެ ސިއްޙީ ނިޒާމް ބޮއްސުންލާފައިވާއިރުވެސް ރައީސާއި ނައިބު ރައީސް ތިއްބެވީ ބިމަށް ބޯހަރުއްވައިގެން ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ އިހުމާލުގެ ސަބަބުން އެމްބިއުލާންސް އައުން ލަސްވެގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާގެ މަރުގެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައިވަނިކޮށް ޑރ. ޖަމީލް މިއަދު ވިދާޅުވީ، މިޙާލަތުގައި އެހެނިހެން ޤައުމުތަކުގައި ޒިންމާ ނަގަނީ ޤައުމުތަކުގެ އެންމެ އިސް ވެރިން ކަމަށެވެ. އެގޮތުން ޔޫކޭ ވެކްސިން ޕްރޮގްރާމް ހިންގަވަނީ ސީދާ ބޮޑުވަޒީރު ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެއިން ފެންނަނީ ތަފާތު މަންޒަރެއް ކަމަށާއި، ސަރުކާރުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވެ، އަތްދަނޑިމަތީގައި ބަލިމީހުން ގެންދާއިރުވެސް "ރައީސާއި ނައިބު ރައީސް ތިއްބެވީ ބިމަށް ބޯހަރުއްވައިގެން" ކަމަށެވެ.

މީގެ އިތުރުން ސިއްޙަތާބެހޭ ވަޒީރަށް ފާޑު ވިދާޅުވެ ޖަމީލް ވިދާޅުވީ، ވަޒީރު އަދިވެސް ހޭނުލައްވާ ކަމަށާއި، ކޮވިޑާ ގުޅިގެން ދުބާއީ ކުންފުންޏަކަށް އޯޑަރު ދިން ވެންޓިލޭޓަރުތައްވެސް ނުގެނެވުނު ކަމަށެވެ. އަދި ކޮވިޑް ފެސިލިޓީތަކާއި އެމްބިއުލަންސް އިތުރެއް ނުވި ކަމަށާއި، އަތޮޅުތެރޭގައި ޓެސްޓުކުރުންވެސް އިތުރެއް ނުވި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"އިތުރުވީ ސަރުކާރުން ކުރާ ހަރަދު. އިތުރުވީ މިނިސްޓަރުގެ އުމުރު. ރައްޔިތުންގެ ބާރު ދެއްކުމުގެ ކުރިން އިސްތިއުފާ ދެއްވާ." ޖަމީލު ވިދާޅުވި އެވެ.

މީގެއިތުރުން ޖަމީލު ވިދާޅުވީ ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ މި ސަރުކާރަށް ކަންތައްތައް މެނޭޖްކުރަން ނޭނގޭ މަންޒަރު ކަމަށެވެ.

ހދ. ކުޅުދުއްފުށި، ލާޖަހާގެ، ފާތިމަތު މިޝްކާ މުހައްމަދު، 10އ، އަށް ފަރުވާ ލިބުން ލަސްވުމުގެ ސަބަބުން ނިޔާވި މައްސަލައިގައި ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެގޮތުން މިޝްކާގެ އާއިލާއިން ބުނީ އަންގާރަ ދުވަހުގެރޭ 9:00 ހާއިރު ކުއްލިއަކަށް މިޝްކާއަށް ނޭވާލާން އުނދަގޫވެ، ނޭފަތުން ލޭ އަންނަން ފެށި ކަމަށެވެ. އަދި ހާލު ގޯސްވުމާއެކުހެން، އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި އެކަން ހިއްސާކުރި ކަމަށާއި އެންބިއުލާންސް ފޮނުވައިދިނުމަށް އެދުނު ނަމަވެސް ޚިދުމަތް ލިބުނީ ދެގަޑިިއިރަށްވުރެ ފަހުން ކަމަށެވެ.

އަދި 9 ޖެހި އިރުން ފެށިގެން ގުޅަމުންއައި ނަމަވެސް އެންބިއުލާންސްގެ ހިލަމެއްވީ އޭގެ 2 ގަޑިއިރާ 40 މިނިޓު ފަހުން، 11:40 ގައި ކަމަށް އާއިލާއިން ބުނެ އެވެ. އާއިލާއިން ބުނީ އެންބިއުލާންސް އައިއިރު މިޝްކާ އޮތީ ހަބަރު ހުސްވެފައި ކަމަށެވެ. އޭރު އެކުއްޖާގެ ވިންދެއްވެސް ނެތްކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މިޝްކާ ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެރޭ މެންދަމު 12:10 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން