މިހާރު މިއުޅެނީ 2012 ގެ ބަޣާވާތް ގެންނަން އުޅުނު ގޮތަށް ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ސްޕުޓްނިކް ވެކްސިންގެ ފަސްލައްކަ ޑޯޒް ހަދިޔާކުރުމަށް ޑެލްޓަރ ޝިޕިން ނަމަކަށް ކިޔާ ކުންފުންޏަކުން މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅި ނަމަވެސް އެއީ ފޭކް ލިޔުންތަކެއްގެ މައްޗަށް ބިނާކޮށް ހުށައެޅި ހުށައެޅުމެއް ކަމަށް ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެފައިވާތީ އެކަމާ ގުޅުވައި ޝިފާ މިއަދު ވިދާޅުވީ، މިހާރު މިއުޅެނީ 2012 ގެ ބަޣާވާތް ގެންނަން އުޅުނު ގޮތަށް ކަމަށެވެ.

އަދި ސަރުކާރަށް ޖެއްސުން ކުރުމަށްވެސް މީ ބޮޑުވަރު ކަމަށާއި، މިހާރު ޙަޤީޤަތާ ޚިލާފު ޚަބަރުތައް ފަތުރާލުމަކީ ވަރަށް ފަސޭހަކަމެއް ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ނޫސްތަކުންވެސް ޒިންމާދާރު ކަމާއެކު މަސައްކަތްކުރަން ޖެހޭކަން ފާހަގަކޮށް ޝިފާ ވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ގޭގެ މަޢުލޫމާތުވެސް ޢާއްމު ކުރީ މިފަދަ ގޮތަކަށް ކަމަށް ވިދާޅުވެފައެވެ.



ރަޝިޔާ ވެކްސިންގެ ބޮޑު ޢަދަދެއް ސަރުކާރަށް ހިލޭ ހަދިޔާކުރަން ހުށައެޅުމުން އެކަމުގައި ޝައްކު އުފެދޭ ކަންކަން ފާހަގަކުރެވިގެން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެކަމުގެ ހަޤީގަތް ބެލިކަމަށާއި ނަމަވެސް ފޮރިން މިނިސްޓްރީން ބެލިބެލުމުން ހިލޭ ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެ ހުށަހަޅާފައިވަނީ ސައްހަ ނޫން ލިޔެކިޔުންތަކެއްކަން ރަޝިޔާ ސަރުކާރުން ޔަޤީންކޮށްދީފައިވާކަމަށް މިނިސްޓަރ ނަސީމް ވިދާޅުވީ ރޭ ނޫސްވެރިންނާ ބައްދަލު ކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސަރުކާރުން އަންނަނީ ރަޝިޔާގެ ވެކްސިން ރަޝިޔާ ސަރުކާރު މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސީދާ ރަޝިއާގެ ސަރުކާރު މެދުވެރިވެގެން ގަންނަ ސްޕަޓްނިކް ވެކްސިންގެ ދެލައްކަ ޑޯޒް ވެކްސިން ގަތުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސަރުކާރުން ސޮއިކޮށް ވެކްސިން ގެނައުމުގެ މަސައްކަތް ވެސް ފަށާފައެވެ. މިނިސްޓަރ ނަސީމު އެންމެ ފަހުން ވިދާޅުވެފައި ވަނީ އެއްބަސް ވުމުގައި ސޮއިކުރާތާ ހަތަރު ވަރަކަށް ހަފުތާގެ ތެރޭގައި ވެކްސިން ލިބޭނެ ކަމަށެވެ.

ރަޝިޔާގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދިނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު