ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިސްތިޢުފާ ދެއްވުމަށް ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއް ސައްތާރު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއާއި ގުޅޭގޮތުން ރާއްޖޭގެ އޮންލައިން މީޑިއާ އަކަށް، އެމްއެންޑީއެފްގެ އޮފިސަރެއް ދިން މަޢުލޫމާތުތަކުގެ އިންކުއަރީއަށް ރަރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ މުޅި މުޢައްސަސާގެ ފަރާތުންކަމަށް އެމްއެންޑީއެފުން ބުނުމާގުޅިގެން އެކަމަށް ނުރުހުން ފާޅުކުރަށްވައި ނާޒިމް ވަނީ މިނިސްޓަރ މާރިޔާގެ އިސްތިއުފާއަށް ގޮވާލައްވައިފައެވެ.



މީގެ އިތުރުން ނާޒިމް ވަނީ، މަޖިލީހަށް ވަކިވަކިން ފުލުހުން ފޮނުވާނެ ކަމަށް ޕޮލިސް ކޮމިޝަނަރ ވިދާޅުވެފައި ވާއިރު އެމްއެންޑީއެފުން އެނޫން ގޮތަކަށް ޢަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ރައްޔިތުން މި ސަރުކާރު ގެނައީ ފުރިހަމަ ބާރާއި އެއްކޮށް ކަމަށާއި އެހެންކަމުން އެންމެންވެސް ޖަވާބުދާރީ ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ނާޒިމް ވަނީ ރައީސް ނަޝީދަށް ޙަމަލާދިން ވަގުތު އެމަނިކުފާނުގެ ބޮޑީގާޑުންގެ ގޮތުގައި ޙަރަކާތްތެރިވި ދެ ބޮޑީގާޑުންގެ ނަން ފާހަގަކުރަށްވައި އެމީހުންގެ ޚުޅަދާނަ ޚިދުމަތަށް ޝުކުރު އަދާކުރަށްވާފައެވެ.



ނާޒިމްގެ އިތުރުން ރައީސް ނަޝީދުގެ ބޭބެ ޑރ. ނާޝިދު ވެސް ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ފޮނުވުމަށް އެމްއެންޑީއެފުން ދެކޮޅު ހަދާފައިވާތީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އެމްއެންޑީއެފްގެ ބަޔާނުގައި ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ ވާހަކަ ބަޔާންކޮށްފައި އޮތުމުން ޑރ. ނާޝިދު ވިދާޅުފައިވަނީ މަޖިލީހުގެ އިންކުއަރީގެ ބޭނުމަކީ އެކަންކަން އޮތްގޮތް އޮޅުން ފިލުވުން ކަމަށެވެ.

އެމްއެންޑީއެފުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށް ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީއާއި "ޗެއިން އޮފް ކޮމާންޑު" އަދި "ކޮމާންޑު އެންޑް ކޮންޓްރޯލް" އަދި އެ މުއައްސަސާގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްވެފައިވާ އުސޫލުތަކާ ހިލާފުކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންކުއަރީއަށް ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާއިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

"އެމްއެންޑީއެފަށް އަންގާލަ ދީބަލަ ތި ޗެއިން އޮފް ކޮމާންޑް އެތެރޭން ކާލައިފިޔޭ." ޑރ. ނާޝިދު ވިދާޅުވެފައި ވެއެވެ.



ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މެއި ގައި ދިން ޓެރަރިސްޓް ޙަމަލާއިން ލިބިވަޑައިގެންނެވި ބޮޑެތި ޒަޙަމްތަކާއި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ މިދަނޑިވަޅުގައި، ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބެހޭގޮތުން ފޮރުވިގެންހުރި އެމްއެންޑީއެފްގެ ފަރާތަކާ ޙަވާލާދީ ރާއްޖޭގެ ނޫހަކުން ވަނީ މައްސަލައިގައި ކުށްވެރިވަނީ ރައީސް ނަޝީދުގެ ޢަމަލުފުޅުތަކާއި، ދިރިއުޅުއްވި ގެކޮޅު ކަމަށް ބެލެވޭ ގޮތަށް ވާހަކަދައްކާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސަލާމަތީ ކަންކަން ފޫއަޅުވާލާފައިވާ ގޮތް މަޖިލީހުގެ 241 ކޮމިޓީން ގެންދަނީ ބަލަމުންނެވެ. މި ހަމަލާއާއި ގުޅިގެން ވަކިވަކި ސިފައިންނަށާއި ދިފާއީ ވަޒީރަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރަމުން ގެންދާއިރު އެފަދަ ބައެއް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްގެން ވެސް މައްސަލަ ބަލާނެ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު