އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރެއްވި ޝަހިންދާ އިސްމާއިލް އުޅުއްވާތަން ސަރުކާރަށް އެނގޭނެ ކަމަށް އޭނާގެ ބޭބެ އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ފުލުހުން ބުނެފައި ވަނީ ޝަހިންދާ އާއި އަޒްރާ ނަސީމަށް ދެ ހަފުތާގެ ނޯޓިސްއެއް 2019 ވަނަ އަހަރު ދިން ކަމަށެވެ. އަދި އެ ނޯޓިސްގެ މުއްދަތު ހަމަވުމުން ފުލުހުން ވަނީ އެ މީހުންނަށް ޗިޓް ލިބިފައިވާ ކަމަށާއި ރައްކަތެރި މާހައުލެއް ރާއްޖޭގައި ނެތުމުން ރާއްޖެ ވަޑައިގަންނަވަން އުޒުރުވެރިވާ ކަމަށް އަންގާފައިވާ ކަމަށް ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން އިބްރާ ވިދާޅުވީ، ޝަހިންދާ އަކީ ފިއްލަވައިގެން އުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި، އޭނާ އުޅުއްވާ ތަނާއި އެޑްރެހާއި ފޯނު ނަންބަރާއި އީމެއިލްވެސް ދިވެހި ސަރުކާރަށް އެނގޭނެ ކަމަށެވެ. އަދި އޭނާ ދިރިއުޅުއްވާ ޤައުމުގައި ހުންނަ ދިވެހި އެމްބަސީއަށް ވަޑައިގެން އުޅުއްވާ ކަމަށާއި، ޝަހިންދާ ވެސް ޤައުމުން ބޭރުގައި އުޅުއްވަނީ އެހެން ދިވެހިންވެސް ބޭރުޤައުމުތަކުގައި ދިރިއުޅޭ ގޮތަށް ކަމަށެވެ.

"އެއް އިރަކުވެސް އޭނާ އަންނާކަށް ނާންގާ." އިބްރާ ވިދާޅުވެފައި ވެއެވެ.



މީގެ ކުރިން ސޯޝަލް މީޑިއާގައި ޢާއްމު ކުރި ބަޔާނެއްގައި ޝަހިންދާވެސް ވިދާޅުވެފައިވަނީ އޭނާއަކީ ފިއްލަވައިގެން އުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި، އެހެން ނޫން ނަމަ ސަރުކާރުގެ އިދާރާތަކަށް އޭނާއާއި ގުޅޭނެ ނަމްބަރު ދެއްވާފައި ނޯންނާނެ ކަމަށެވެ. އަދި ފުލުހުންނަށް އޮންލައިންކޮށް ނުވަތަ ފޯނުން ގުޅުއްވައިގެން ދެއްވަން ޖެހޭ ބަޔާނެއް ދެއްވަން ތައްޔާރަށް ހުންނެވިކަން އަންގަވާފައިވާނެ ކަމަށާއި، އޭގެ ފަހުން މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ޝަހިންދާ އޭރު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު