ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް
ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް
ވަކިވަކި ސިފައިން މަޖިލީހުގެ ކޮމިޓީއަށް ހާޟިރުކޮށް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއާއި ގުޅޭގޮތުން ރާއްޖޭގެ އޮންލައިން މީޑިއާ އަކަށް، އެމްއެންޑީއެފްގެ އޮފިސަރެއް ދިން މަޢުލޫމާތުތަކުގެ އިންކުއަރީއަށް ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ މުޅި މުޢައްސަސާގެ ފަރާތުންކަމަށް އެމްއެންޑީއެފުން ބުނެފައި ވާތީ އެކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދުގެ ދައުރުގައި ދިފާޢީ ވަޒީރު ކަން ކުރެއްވި އަމީން ފައިސަލް ވިދާޅުވީ، ވަކިވަކި ސިފައިން މަޖިލީހުގެ އިންކުއަރީ ކޮމިޓީއަށް ހާޟިރުކޮށް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.

އަމީން ފައިސަލް ވިދާޅުވީ، ވެރިން ޢަމަލުކޮށްފައިވާ ގޮތް ސާފުވާނީ ދަށުރޭންކުތަކުގެ ސިފައިން މަޖިލީހުގެ ކޮމިޓީއަށް ޙާޟިރުކޮށްގެން ކަމަށެވެ. ރައީސް ނަޝީދަށް ޙަމަލާ ދިން މައްސަލައިގެ ތަހުގީގު އަދި އޮތީ ހަތަރު އަނގޮޅިއެއްގައި ކަން ފާހަގަކޮށް އަމީން ވިދާޅުވީ، މަޖިލީހުގެ އިންކުއަރީއިން އެ ޙަމަލާއާއި ގުޅޭ އިންޓެލިޖެންސް ފެއިލްވި ހިސާބު ދެނެގަނެވޭނެ ކަމަށެވެ.

"ލިބުނު އިންޓެލިޖެންސް މަޢުލޫމާތު ޗެއިން އޮފް ކޮމާންޑުން ފޯރާފައިވަނީ ކިހާ ހިސާބަކަށްކަން އެނގޭނީ ވަކިވަކި ސިފައިންނާއި ސުވާލު ކޮށްގެން. މީ ތަހުގީގެއް ނޫން. އިންކުއަރީ އެއް." އަމީން ވިދާޅުވިއެވެ.



އެމްއެންޑީއެފުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށް ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީއާއި "ޗެއިން އޮފް ކޮމާންޑު" އަދި "ކޮމާންޑު އެންޑް ކޮންޓްރޯލް" އަދި އެ މުއައްސަސާގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްވެފައިވާ އުސޫލުތަކާ ހިލާފުކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންކުއަރީއަށް ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާއިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މެއި ގައި ދިން ޓެރަރިސްޓް ޙަމަލާއިން ލިބިވަޑައިގެންނެވި ބޮޑެތި ޒަޙަމްތަކާއި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ މިދަނޑިވަޅުގައި، ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބެހޭގޮތުން ފޮރުވިގެންހުރި އެމްއެންޑީއެފްގެ ފަރާތަކާ ޙަވާލާދީ ރާއްޖޭގެ ނޫހަކުން ވަނީ މައްސަލައިގައި ކުށްވެރިވަނީ ރައީސް ނަޝީދުގެ ޢަމަލުފުޅުތަކާއި، ދިރިއުޅުއްވި ގެކޮޅު ކަމަށް ބެލެވޭ ގޮތަށް ވާހަކަދައްކާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސަލާމަތީ ކަންކަން ފޫއަޅުވާލާފައިވާ ގޮތް މަޖިލީހުގެ 241 ކޮމިޓީން ގެންދަނީ ބަލަމުންނެވެ. މި ހަމަލާއާއި ގުޅިގެން ވަކިވަކި ސިފައިންނަށާއި ދިފާއީ ވަޒީރަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރަމުން ގެންދާއިރު އެފަދަ ބައެއް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްގެން ވެސް މައްސަލަ ބަލާނެ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން