ފަސްޓްލޭޑީ ފަޒްނާ އަހްމަދު
ފަސްޓްލޭޑީ ފަޒްނާ އަހްމަދު
އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ބިގޭ އަކީ ބަސްމަދު އަމަލުގިނަ ލީޑަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުކުރުމާމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ އިމްތިޔާޒުގެ މައްސަލަ ބަލަން ރައީސް ނަޝީދު ހުށައެޅުއްވުމުން އެމައްސަލަ ބަލަން ނުފެންނަކަމަށް މަޖިލީހުގެ ކޮމިޓީން ނިންމި ހިސާބުން އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑު ކިޔުން ވަނީ ބިގޭއަށް އަމާޒުވެފައެވެ.

އެގޮތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ ބިގޭއަށް ބޮޑެތި ތުހުމަތުތަކެއް ކުރަށްވާފައެވެ. މެންބަރު އީވާ ތުހުމަތު ކުރައްވާ ގޮތުގައި ޒަމީލުގެ މައްސަލަ ކޮމިޓީން ބޭރުކޮށްލުމަށް އެމްޑީޕީގެ މެންބަރުންނާ ވާހަކަ ދައްކަވައިގެން ވޯޓު ހޯއްދެވީ ބިގޭ އެވެ.

އެކަމާ ގުޅިގެން މެޑަމް ފަޒްނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިގޭއަކީ ބަސްމަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާހުރި ކެރޭ ހީވާގި ލީޑަރެއްކަން ހާމަވެއްޖެ ކަމަށެވެ. އަދި ބިގޭއަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތަށް މަސައްކަތް ކުރަށްވާ ބޭފުޅެއް ކަމަށް ފަޒްނާ ވިދާޅުވިއެވެ. ބިގޭ ކައިވެނި ބައްލަވައިގެން އުޅުއްވަނީ މެޑަމް ފަޒްނާގެ ޢާއިލީ ބޭފުޅަކާއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ބިގޭއާމެދު ދައްކަމުންދާ ވާހަކަތައް ދޮގުކުރަށްވައި އޭނާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އެގޮތުން އޭނާއަކީ ފަހަތަށް ނުޖެހޭނެ މީހެއްކަން މާޒީން އެނގޭނެކަމަށާއި، އެހެންކަމުން އުމުރުގެ ބާކީ ބައިވެސް ހޭދަކުރައްވާނީ ސާބިތުކަމާއެކުގައި ކަމަށް ބިގޭ ވިދާޅުވިއެވެ.

އަދި ތުތިމަހަށް ކޮށާފައި ކާޅަށް ކާން ދިނަސް، ހައްގު ބަސް ބުނުމުގައި ދެމިހުންނަވާނެ ކަމަށާއި، އޭނާއަކީ މުޅި ހަޔާތް ގައުމަށްޓަކައި ޖާނާ މާލުން ގުރުބާންކުރި އިންސާނެއް ކަމަށްވެސް ބިގޭ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން