މާލޭގެ މަގުމަތީގައި ފުލުހުން ޙަރަކާތްތެރިވަނީ
މާލޭގެ މަގުމަތީގައި ފުލުހުން ޙަރަކާތްތެރިވަނީ
ގިނަބަޔަކު އެއްވެ ޔޫރޯ ބެލުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ނެރެފައިވާ ބަޔާނެއްގައި ވަނީ، އެކި ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުން ދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ނަމަވެސް ކޯވިޑް-19 ގެ ސަބަބުން ހިތްދަތި އުނދަގޫ ދުވަސް ތަކަކަށް ފަހު، މިހާރު އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން މިހާރަށްވުރެ ފާގަތި ދުވަސް ތަކެއްގެ މަލަމަތި ފެންނަން ފަށައިފައިވާ މި ދަނޑިވަޅުގައި، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ހިންގޭ ހަރަކާތްތަކަކީ، އެންމެންގެ ރައްކާތެރި ކަމަށްޓަކައި ކުރުން އެންމެ ރަނގަޅު ކަމެއް ކަމުގައި ނުދެކޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް މިފަދަ ކަންކަމަށް ތަން ނުދޭ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

"އެހެންކަމުން، މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަން." ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ވަނީ މިއީ، އެންމެން އެކުގައި ކުރާ މަސައްކަތުން މި ހާލަތު ބަދަލުކޮށް، އިތުރު ލުއިތަކެއް ދެވޭނެ ހާލަތަކަށް ދިއުމަށްޓަކައި އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަވަންވީ ވަގުތު ކަން އެންމެހާ ފަރާތްތަކަށް ހަނދާން ކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން