ދިވެހިންގެ ބައިވެރިވުމެއް ނެތި ރާއްޖޭގެ އެއަރޕޯޓްތައް ހިންގަން ބޭރުގެ ކުންފުނިތަކަށް ދިނުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށާއި، އެކަން ބެއްލެވުމަކީ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީގެ މަސްއޫލިއްޔަތެއް ކަމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް އިޤްތިޞާދީ ވުޒާރާއިން މިއަދު ގެނައި އިސްލާހުގައި ވަނީ، 100 ޕަސެންޓް ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެ ކަމަށެވެ. އަދި އެ ފުރުސަތު ލިބޭނީ 5 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

"ކޮބައިތޯ ޤައުމީ ސަލާމަތާބެހޭ ކައުންސިލް؟ މިނިސްޓަރ މާރިޔާ ހޭފުޅުލައްވައިތޯ؟ ނޫނީ މިވަނީ ކީއްތޯ؟ ޤާނޫނު އަސާސީގެ 237 ވަނަ މާއްދާ ވަޅުލީތޯ؟" ޖެނެރަލް ޑީޑީ ސުވާލު އުފައްދަވާފައިވެއެވެ.



މިކަމުގައި ކަންބޮޑުވުން ފާޅުކުރަށްވައި ޑީޑީ ވަނީ ރާއްޖޭގެ އެއާޕޯޓް ސެކިއުރިޓީއާއި ކަސްޓަމްސްއާއި ސިފައިންގެ ފުރިހަމަބާރު ހިނގާގޮތަށް ސިފައިންގެ ހުއްދައާއެކު އެކަން ކުރެވޭ ގޮތަށް ހެދުމާއެކު ދިވެހީންނަށް 60 އިންސައްތަ ވަޒީފާގެ ފުރުސަތު ލިބޭގޮތަށް އެކަން ކުރެވިދާނެތޯ، ވިދާޅުވެ ސުވާލު ކުރަށްވާފައެވެ.

މިއަދު ގެޒެޓްކުރި އިސްލާހުގައި ބުނެފަވާގޮތުން، ފްރައިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓްކުރެވޭނެ އެވެ. މިއާއިއެކު ޓާމިނަލް ފެސިލިޓީސް ހިމެނޭހެން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުމާއި، އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.

މިފަދަ އިންވެސްޓުމެންޓުތަކުން މިނިމަން އިނިޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓު ކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވާއިރު، ސަރުކާރުގެ ހުއްދައާއިއެކު މިފަދަ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ގިނަވެގެން 50 އަަހަރަށް ލިބޭނެ އެވެ.

ބޭރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓްތައް ހިންގޭ ގޮތަށް ހުއްދަ ދޭގޮތަށް ސަރުކާރުން ނިންމިއިރު ރާއްޖޭގެ ބައެއް ވައިގެ ބަނދަރުތައް އަވަށްޓެރި އިންޑިއާގެ ކުންފުނިތަކާއި އިންޑިއާ ސިފައިން ހިންގަން ދޭން ސަރުކާރުން ވާހަކަ ދައްކަމުންދާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު