ކޮވިޑް ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން އެކި ގައުމުތަކުގައި، ފައިސާ އަދި މުދަލުން އެހީތެރިކަމާއި އިނާމުތައް ފޯރުކޮށްދެމުންދާއިރު، މިފަހަކުން ފިލިޕީންސްގައިވެސް މިވަނީ ވެކްސިން ޖަހާ ފަރާތްތަކަށް ފައިސާ އަދި އިނާމުގެ ގޮތުގައި އެކި ބާވަތްތައް ލިބޭ ފުރުސަތެއް ހުޅުވާލާފައެވެ.

ވެކްސިން ޖަހާ ފަރާތްތަކަށް މިފަދަ އިނާމުތަކެއް ހުށައަޅާފައިވަނީ ފިލިޕީންސްގައި ކޮވިޑް ވެކްސިން ޖެހުމަށް އިސްނަގާ ފަރާތްތައް މަދުކަމުންނެވެ. އެގައުމުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ކޮވިޑް ވެކްސިނުގެ އެއް ޑޯޒު ފުރިހަމަ ކޮށްފައި ތިބީ، 110 މިލިއަނެއްހާ މީހުންގެ އާބާދީގެ ތެރެއިން އެންެމެ 4 އިންސައްތަ މީހުންނެވެ. މީގެތެރެއިން ވެކްސިނުގެ ދެޑޯޒް ފުރިހަމަކޮށްފައިވަނީ 1.4 އިންސައްތަ މީހުންނެވެ.

އާބާދީގެ ގިނަބަޔަކު ވެކްސިން ޖެހުމާއި ދެކޮޅުހަދަމުންދާއިރު، ގިނަބަޔަކުގެ ކަންބޮޑުވުމަކީ ވެކްސިނުގެ ސައިޑްއެފެކްޓާއި، ވެކްސިނަށް އޮތް އިތުބާރާމެދުއެވެ. މިއާއެކު، ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ތެރެއިން، ފިލިޕީންސުން ކޮވިޑުގެ ގިނަ ކޭސްތަކެއްވެސް މިހާރު ދަަނީ ރިޕޯޓު ކުރެވެމުންނެވެ.

މިކަމާގުޅިގެން ފިލިޕީންސުގެ އެކިހިސާބު ތަކުގައި ވެކްސިން ޖަހާ ފަރާތްތަކަށް ފައިސާ އަދި އިނާމުގެ ގޮތުގައި އެކި ބާވަތްތަކުގެ ހަދިތާ ލިބޭނެ ފުރުސަތުތަކެއް މިހާރު ވަނީ ހުޅުވާލާފައެވެ. މިހަދިޔާ ތަކުގެ ތެރޭގައި ކާބޯތަކެއްޗާއި، އެހެނިހެން ޒަރޫރީ ބޭނުންތަކުގެ މުދާ ހިމެނޭއިރު، ފިލިޕީންސުގެ ބައެއް އަވަށްތަކުން ދަނީ ވެކްސިން ޖަހާ މީހުންގެ ތެރެއިން ކޮންމެ މަހަކު ހޮވޭ މީހަކަށް ގެރިއެއް ލިބޭ ކެމްޕޭނެއްވެސް ކުރަމުންނެވެ.

މީގެއިތުރުން، އެގައުމުގައި ފާހަގަކޮށްލެވޭ މުއްސަނދި މަހުޖަނެއް ކަމުގައިވާ، ކޮންގްރެސްވުމަން ވިއްލާރ، ވަނީ ވެކްސިން ޖަހާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތަކަށް ބިމަކާއި، ގެއެއްވެސް ހުށައަޅާފައެވެ. މިހަދިޔާތަކަށް މިއަހަރު ޑިސެމްބަރު މަހު ގުރުއަތުލާނެކަމަށްވެއެވެ.

މިފަދައިން، ފައިސާ އަދި އެކި ބާވަތްތަކުގެ އިނާމު ހުށައަޅައިގެންވެސް ފިލީޕީންސުގެ މީހުން ކޮވިޑް ވެކްސިން ޖެހުމަށް ބާރު އެޅުމަށް މަސައްކަތް ކުރަމުންދާނެކަމަށް އެގައުމުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން