އިންޑިއާގެ ދިއްލީގައި، މިޔަންމާގެ ރޮހިންޏާ މުސްލިމުންނަށް ހާއްސަކުރެވިފައިވާ ރެފިއުޖީ ކޭމްޕުގެ ބޮޑު ސަރަހައްދެއްގައި އަލިފާންރޯވެ އަނދާ ހުލިވެއްޖެއެވެ.

މިހާދިސާގައި 55 ޖިފުޓިއެއް ވަނީ ބޭނުން ނުކުރެވޭވަރުވެފައެވެ. މިއީ 2018 ވަނަ އަހަރަށްފަހު މިފަދަ ހާދިސާއެއް ހިނގައިގެން ދިޔަ ދެވަނަ ފަހަރެވެ.

ދިއްލީގައި ހުންނަ ރޮހިންޏާ ރެފިއުޖީ ކޭމްޕުގައި ހަލުވިކަމާއެކު ފެތުރިގެން ދިޔަ އަލިފާންގަޑު ކޮންޓްރޯލް ކުރެވުނީ ހަގަޑިއިރަށް ފަހުއެވެ. މިހާދިސާގައި މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް ގިނަބަޔަކު މަގުމަތިވެފައިވެއެވެ. މިއާއެކު އިންޑިއާ ސަރުކާރުގެ އެހީގެ އިތުރުން، ގިނަ ވޮލަންޓިއަރުންނާއި، އެކި ޖަމިއްޔާ ތަކުގެ އެހީތެރިކަމާއެކު، މިފަދަ މީހުންނަށް ކާބޯތަކެއްޗާއި ވަގުތީ ހިޔާ ފޯރުކޮށްދީފައިވާކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފައިވެއެވެ.

މިޔަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދިޔަ އަނިޔާވެރިކަމާއެކު، ރޮހިންޏާގެ ހަތް ލައްކައަށްވުރެއް ގިނަ މީހުން ވަނީ 2017 ވަނަ އަހަރު، ބަންގްލަދޭޝްއަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައެވެ. ބަންގްލަދޭޝްގެ އިތުރުން މެލޭޝިޔާ އަދި އިންޑިއާއަށްވެސް ރޮހިންޏާ މުސްލިމުން ވަނީ ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައެވެ.

މިގޮތުން އިންޑިއާގެ ދިއްލީގެ އިތުރުން، ޖައްމު، ހައިދަރްއާބާދު އަދި ނޫހް ގައިވެސް ރޮހިންޏާގެ ރެފިއުޖީން ދިރިއުޅުމަށް ކޭމްޕު ކުރެވިފައިވެއެވެ. މީގެ ތެރެއިން 40،000 ވަރަކަށް މީހުންނަކީ ކާކުކަން އެނގޭނެފަދަ ލިޔެކިޔުމެއް ނެތް މީހުންކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން