ފުލުހުން މާލޭގެ މަގުތައް ބަލަހައްޓަނީ
ފުލުހުން މާލޭގެ މަގުތައް ބަލަހައްޓަނީ
މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރަންތިބި 15 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންބުނީ މިއަދު ހައްޔަރުކުރި 15 މީހުންނަކީވެސް މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން 7 މީހަކު ރިމާންޑް ސެންޓަރެއްގައި 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާކަމަށާއި، 8 މީހުން ކަސްޓޯޑިއަލް ޖަލެއްގައި ތިންދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޯވިޑް-19 ހަލުވިކަމާއެކު މާލެ ސަރަހައްދުގައި ފެތުރެމުންދާތީ، މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް މާލޭގެ 37 މިސްކިތެއްގައި ވަކިވަކިން ނަމާދު ކުރުމާއި، ފާހާނާ ކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ދާދިފަހުން ވަނީ ހަމަޖައްސާފައެވެ.

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަސްތުވާތަކެތި ފޮރުވާފައި ބަހައްޓަނީ ޚަތިމުގެ ތެރޭގައި ކަމަށް މިސްކިތަށް ނަމާދަށްދާ މީހަކު ވަނީ ބުނެފައެވެ. ފުލުހުންގެ އިދާރާއިން ބުނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދައި، އެއްޗެހި ދޮވެ މިސްކިތް ބޭނުން ކުރުން އެކަށީގެން ނުވާ އެހެނިހެން ބޭނުންތަކަށް މިސްކިތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ.

އަދި ކޮންމެ ރެޔަކު ވެސް މިސްކިތްތައް ބަލައި މިސްކިތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު އެ މައުލޫމާތު ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާވެސް ހިއްސާކޮށް ހައްލެއް ހޯދުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން