ކުރިއަށް އޮތް ތިންހަތަރު މަހެއްގެ ތެރޭގައި އިންޑިއާއަށް ކޮވިޑުގެ ތިންވަނަ ރާޅެއް އަރާފާނެ ކަމުގެ އިންޒާރު، ސިއްޙީ މާހިރުން ދީފިއެވެ.

ސިއްޙީ މާހިރުން މިކަމަށް އިންޒާރު ދިނީ ކޮވިޑާއެކީ އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ، އިންޑިއާގެ ގިނަ ސިޓީތައް އާންމު ހާލަތަކަށް ހުޅުވައިލުމާއެކުއެވެ.

މިކަމާ ބެހޭގޮތުން އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް) ގެ ޗީފް، ރަންދީޕް ވިދާޅުވެފައިވަނީ، ލުއިތަކާއެކު، ކުރިއަށް އޮތް ތިންމަސް ދުވަސް އިންޑިއާއަށް ކްރިޓިކަލް ވާނެ ކަމަށެވެ. ހާއްސަ ގޮތެއްގައި ކޮވިޑުގެ ވޭރިއަންޓްތައް އިތުރުވުމާއި، ކޮވިޑުގެ އެންމެ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓް އަދިވެސް އިންޑިއާގައި ފެތުރެމުންދިއުމާއެކު ކޮވިޑް ކޭސްތައް އިތުރުވުން އެކަށީގެން ވުމާއިއެކުއެވެ.

މީގެއިތުރުން އިންޑިއާގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގައި ފަރުވާކުޑަކޮށްފިނަމަ، ކޮވިޑުގެ ތިންވަނަ ރާޅެއް އައުން މާލަހެއް ނުވާނެކަމަށް، ފަހުގެ އެކި ބައްދަލުވުންތަކުގައި އިންޑިއާ ސަރުކާރަށް އެތައް ސިއްޙީ މާހިރުންނެއް ވަނީ ހުށަހަޅާފައެވެ. ހާއްސަގޮތެއްގައި ލޮކްޑައުންގައި އޮތް ހާލަތުގައިވެސް ކޮވިޑުގެ އެންމެ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް އިނގިރޭސިވިލާތުގައިވެސް އިތުރުވަމުން ދިއުމާއިއެކު، މިކަން އިންޑިއާގައި ތަކުރާރުވުން އެކަށީގެން ވެދާނެކަމަށްވެސް ސިއްޙީ މާހިރުން ވަނީ ލަފާކޮށްފައެވެ.

ކޮވިޑުގެ ދެވަނާ ރާޅާއިއެކު އިންޑިއާގެ އިގްތިސާދަށް އައިލޮޅުމުން އަރައިގަތުމަށްކަމަށް ބުނެ ކޮވިޑުން ރައްކާތެރިވުމަށް އެޅިފައިވާ ހަރުކަށި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދޭން ފަށާފައިވާއިރު، އިންޑިއާގެ ގިނަ މަގުތައް މަތި އަނެއްކާވެސް އޮތީ ތޮއްޖެހިފައެވެ. މީގެތެރެއިން ގިނަ ބަޔަކު ފެންނަނީ މާސްކްވެސް ނާޅައި، ގައިދުރުކަމެއްވެސް ބެހެއްޓުމެއްނެތިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން