ސިންގަޕޫރުގައި ކޮވިޑާއެކު ނިއުނޯމަލް އަކަށް ދިއުމަށް ނިންމައިފިއެވެ.

ސިންގަޕޫރަކީ ކޮވިޑު ކޮންޓްރޯލް ކުރަން މަސައްކަތްކުރި ގައުމުތަކުގެތެރެއިން ކާމިޔާބު ތަކެއް ހާސިލު ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އެގައުމުގައި މިބަލި ކޮންޓްރޯލް ކުރެވުނު ނަމަވެސް ކޮވިޑް ކޭހެއް ނެތި އަދި އެއްވެސް ދުވަހެއް ނުދެއެވެ. އަދި މިހާރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވަމުންދާ ކޭސްތައް ސުމަކަށް ވެއްޓޭނެކަމަށް އުއްމީދު ނުކުރާނެކަމަށް އެގައުމުން ވަނީ ނިންމާފައެވެ.

މިގޮތުން ނިއުނޯމަލް އާއެކު ދިރިއުޅުމުގައި ކޮވިޑަކީ ބޮޑު ބައްޔެއްގެ ގޮތުގައި ނުދެކި ކޮވިޑާއެކު ދިރިއުޅުމަށް މަސައްކަތްކުރާނެ ކަމަށް ސިންގަޕޫރު ސަރުކާރުގެ އިސް ވަޒީރުން ވަނީ ފާހަގަކުރަށްވާފައެވެ.

"ހިތާމަވެރި ޚަބަރަކީ ކޮވިޑު މުޅިން ފިލައި ނުދާނެކަން. އެކަމަކު ކޮވިޑާއެކުވެސް ނޯމަލްކޮށް ދިރިއުޅެވިދާނެކަމީ ރަނގަޅު ޚަބަރެއް." ސިންގަޕޫރުގެ ގިނަ މިނިސްޓަރުން ފާހަގަކޮށްފައިވެއެވެ.

ސިންގަޕޫރުގެ މި ނިއުނޯމަލް އާއެކު، ދަތުރުކުރާ ފަރާތްތަކުން ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. އަދި ޑައިރެކްޓް ކޮންޓެކްޓް ވިޔަސް އެކަހެރިވެ ކަރަންޓީނު ވާކަށްވެސް ނުޖެހޭނެއެވެ. މީގެއިތުރުން ދުވާލެއްގެ މައްޗަށް މިބަލި ޖެހޭމީހުންގެ އަދަދު އާންމު ކުރުންވެސް ހުއްޓާލާނެއެވެ.

"ކޮންމެ އަހަރަކުވެސް އެތައް ބަޔަކަށް ހުން ރޯގާ ޖެހޭ. ނަމަވެސް މިފަދަ ބަލިތަކުގައި އާބާދީގެ ގިނަ މީހުންނަށް ބޮޑުވަރު ނުވެ ހޮސްޕިޓަލުގައި އެޑްމިޓް ވާން ނުޖެހި ހިފަހައްޓާލެވޭ. ނަމަވެސް މަދު ބައެއްގެތެރެއިން، ދުވަސް ވީ މީހުންނާއި އެކި ބަލިތައް ތަހައްމަލު ކުރާ ދީފާއީ ނިޒާމު ބަލިކަށި މީހުންނަށް ބޮޑުވަރުވޭ. މިގޮތުން ކޮވިޑް މުޅިން ނައްތާނުލެވުނަސް މިބަލިން ފުރާނައަށް ނުރައްކާވާ މިންވަރު ދަށްކޮށް މިއާއެކީ އުޅެން ދަސްކުރެވިދާނެ. މިއާއެކު ދެން ބަލަންވީ ކޮންމެހެން ކޮންމެ ދުވަހަކު ބަލިވާ މީހުންގެ އަދަދެއް ނޫން. މިބަލީގައި ހާލު ބޮޑުވާ މީހުންނާއި، ހޮސްޕިޓަލުގެ އައިސީޔޫތަކަށް ލާންޖެހޭ މީހުންނާއި އޮކްސިޖަން ގުޅަން ޖެހޭ މީހުން މޮނީޓަރ ކުރުން މުހިންމީ. މިއީ އިންފްްލުއެންޒާ ބަލިމަޑުކަންވެސް މޮނީޓަރ ކުރެވެމުންދާގޮތް." ސިންގަޕޫރު ގެ ޓްރޭޑް މިނިސްޓަރާއި، ފިނޭންސް އަދި ހެލްތު މިނިސްޓަރުވެސް ފާހަގަކުރަށްވާފައިވެއެވެ.

ކޮވިޑް ބަލިން ރައްކާތެރިވުމަށް ސިންގަޕޫރުގައި އެންމެ އިސްކަމެއް ދެވެނީ ވެކްސިން ޖެހުމަށެވެ. މިގޮތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެގައުމުގެ އާބާދީގެ ތިންބައި ކުޅަ ދެބައި މީހުންނަށް ކޮވިޑު ވެކްސިނުގެ ދެޑޯޒުންގެ ތެރެއިން އެއްޑޯޒު ފުރިހަމަ ކުރުމަށް އެގައުމުން ވަނީ އަމާޒު ހިފާފައެވެ. އަދި އޮގަސްޓްމަސް ނިމުމުގެ ކުރިން އެގައުމުގެ އާބާދީގެ ތިންބައި ކުޅަ ދެބައި މީހުންނަށް ކޮވިޑު ވެކްސިނުގެ ދެވަނަ ޑޯޒު ދީ ނިންމުމަށްވެސް އެގައުމުން ވަނީ މިހާރު ކަނޑައަޅާފައެވެ.

ސިންގަޕޫރުގައި ކޮވިޑާއެކުވެސް ނިއުނޯމަލް އަކަށް ދިއުމަށް ގަސްތުކޮށްފައިވަނީ މީގެ ކުރިންވެސް ފެތުރިފައިވާ ބަލިތަކުން ލިބިފައިވާ ތަޖުރިބާތަކަށް ބަލައިގެންނެވެ.

ނަމަވެސް އަދި ސީދާ ކޮވިޑާއެކު ނިއުނޯމަލްގައި ދިރިއުޅެން ފަށާނެ ތާރީހެއް ސިންގަޕޫރު ސަރުކާރުން އިއުލާންކޮށްފައެއް ނުވެއެވެ. އަދި މިހާރު އެގައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް މުޅިން ދޫކޮށްލާނެ ކަމަކަށް އެގައުމުގެ ސަރުކާރުން އަދި އިއުލާންކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން