އިންޑިއާގެ ބަހާރަތު ބްޔޯޓެކް ކުންފުނިން ތައްޔާރު ކުރި ކޮވިޑް ވެކްސިނުން، ކޮވިޑުގެ އަލްފާ އަދި ޑެލްޓާ ވޭރިއަންޓުން ރައްކާތެރިވާ މިންވަރު އިތުރުކަމަށް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ ދިރާސާ އަކުން ދައްކައިފިއެވެ.

މިދިރާސާއިން ދައްކާގޮތުގައި ބަހާރަތު ބަޔޯޓެކް ކުންފުނިން ތައްޔާރުކޮށްފައިވާ ކޯވެކްސިން ނަމަކަށް ކިއުނު ކޮވިޑް ވެކްސިން ޖެހުމުން ކޮވިޑުގެ އަލްފާ އަދި ޑެލްޓާ ވޭރިއަންޓުން ރައްކާތެރިވުމަށް ބޭނުންވާ އެންޓިބޮޑީޒް ހަށިގަނޑުގައި އުފައްދައިދެއެވެ. އިނގިރޭސިވިލާތުން ފުރަތަމަ ފެނުނު ކޮވިޑުގެ އަލްފާ އަދި އިންޑިއާއިން ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ކޮވިޑްގެ ކޭސްތައް ގިނަ ގައުމުތަކުގައި އަދިވެސް ދަނީ އިތުރުވަމުންނެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން، ކޯވެކްސިން އާމެދު ކުރަމުންދާ ދިރާސާގެ ދެވަނަ ފޭސް ނިމި މައުލޫމާތުތައް އާންމުކޮށްފައިވާއިރު، މިވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށް ހާމަކޮށްފައިވެއެވެ. އަދި މިދިރާސާގެ ތިންވަނަ ފޭސްގައި މިވެކްސިނުގެ ރައްކާތެރިކަމާބެހޭގޮތުން އިތުރު މައުލޫމާތު ހާމަކުރަން ހަމަޖެހިފައިވާކަމަށް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ހާމަކޮށްފައިވެއެވެ.

މިދިރާސާގެ ފޭސް ތިނެއްގެ ތަހުލީލުތައް އަދި އާންމުކޮށްފައި ނުވިނަމަވެސް، އެ ވެކްސިން ޖެހުމުން ކޮވިޑް ބަލީގެ އެއްވެސް އަލާމާތެއްނެތި ކޮވިޑް ބަލިން ރައްކާތެރިކުރާ މިންވަރު 70 އިންސައްތައަށް އިތުރުކޮށްދޭކަން ހާމަވެފައިވާކަމަށް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ބުނެފައިވެއެވެ. އަދި އަލާމާތްތައް ފެނުނު ނަމަވެސް ބަލިން ރައްކާތެރިވާ މިންވަރު 78 އިންސައްތައިގައި ހުރިއިރު، ބަލީގައި ބޮޑުވަރުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރާ ހިސާބައް ދިޔަ ނުދިނުމަށް، 100 އިންސައްތަ ރައްކާތެރިކަން، އެ ވެކްސިނުން ލިބިދޭކަމަށްވެސް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ބުނެފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނުރައްކާތެރި ކޮވިޑް ވޭރިއަންޓްތަކުގެ ގޮތުގައި ކަންބޮޑުވުން ހާމަކޮށްފައިވާ ވޭރިއަންޓްތަކަކީ ކޮވިޑުގެ އަލްފާ، ބޭޓާ، ގާމާ އަދި ޑެލްޓާ ވޭރިއަންޓެވެ. އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ ދިރާސާ އިން ދައްކާގޮތުގައި ބަހާރަތު ބަޔޯޓެކް ކުންފުނިން ތައްޔާރުކޮށްފައިވާ ކޯވެކްސިނުން މިހުރިހާ ވޭރިއަންޓްތަކުން ރައްކާތެރިވާ މިންވަރު އިތުރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން