ޔޫރަޕުގެ ގައުމުތަކުން ދަތުރުފަތުރު ކުރުމަށް ބޭނުން ކުރާ ޑިޖިޓަލް ކޮވިޑް ސެޓިފިކެޓުގައި، އިންޑިއާއިން އުފައްދާ ކޮވިޝީލްޑް ވެކްސިނަކީ ގަބޫލުކުރާނޭ ކޮވިޑް ވެކްސިނެއްގެ ގޮތުގައި ލިސްޓު ކޮށްދިނުމަށް އިންޑިއާއިން އެދެފިއެވެ.

އީޔޫގެ ގްރީން ޕާސް ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ޑިޖިޓަލް ކޮވިޑް ސެޓިފިކެޓު ބޭނުންކޮށް ޔޫރަޕުގައި ކަރަންޓީނަކާ ނުލައި ދަތުރުފަތުރުކުރެވޭނެއެވެ. މިސެޓިފިކެޓުގެ މަގްސަދަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ރައްކާތެރިކަމާއިއެކު ދަތުރުފަތުރު ކުރުމަށް ހުއްދަދިނުމެވެ. މިގޮތުން މިސެޓްފިކެޓު ވެގެންދާނީ ކޮވިޑް ބަލިން ރައްކާތެރިވުމަަށް ވެކްސިން ޖަހައި ނުވަތަ، ކޮވިޑް ބައްޔަށް ނެގަޓިވްކަން، އަދި ކޮވިޑް ބަލިން ރަނގަޅުވިކަން އެނގިގެން ދާނެ ލިއުމަކަށްކަމަށް އީޔޫ އިން ހާމަކޮށްފައިވެއެވެ.

މިސެޓިފިކެޓުގައި އަދި ގަބޫލުކުރަނީ ޔޫރޮޕިއަން މެޑިކަލް އޭޖެންސީއިން ހުއްދަދެވިފައިވާ ކޮވިޑް ވެކްސިންތަކެވެ. ނަމަވެސް އީޔޫގެ ބައެއް ގައުމުތަކުން ވަނީ ޑިޖިޓަލް ކޮވިޑް ސެޓިފިކެޓުގައި ނުހިމެނުނަސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބޭނުން ކުރުމަށް ހުއްދަދެވިފައިވާ 8 ވެކްސިނެއް ގަބޫލުކުރާނެކަމަށް ހާމަކޮށްފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބޭނުން ކުރުމަށް ހުއްދަދެވިފައިވާ ވެކްސިންތަކުގެ ތެރޭގައި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދަމުންދާ ކޮވިޝީލްޑް ވެކްސިންވެސް ހިމެނެއެވެ.

އީޔޫގެ ގްރީން ޕާސް ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ޑިޖިޓަލް ކޮވިޑް ސެޓިފިކެޓުގައި ހިމެނޭ ވެކްސިނަކަށް ކޮވިޝީލްޑް ހެދުމަށް އިންޑިއާއިން އެދިފައިވާއިރު، މިވެކްސިނަކީ އީޔޫގެ ގައުމުތަކުގައި ގަބޫލުކުރާ ވެކްސިނަކަށް ހެދުމަށް ޔޫރަޕިއަން މެޑިކަލް އޭޖެންސީ އަށްވެސް ވަނީ ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން