ކޮވިޑުން ރައްކާތެރިވުމަށް ވެކްސިނުގެ ދެޑޯޒު ފުރިހަމަކޮށް، ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީނު ވުމާއި ބެހޭގޮތުން އަމަލުކުރާ އުސޫލުތައް ބަދަލުކޮށްފިއެވެ.

ސްރީލަންކާގެ ސިއްހީ ވުޒާރާއިން ކަނޑައަޅާފައިވާ އާއުސޫލުގައި ބުނާގޮތުން، ކޮވިޑުން ރައްކާތެރިވުމަށް ވެކްސިނުގެ ދެޑޯޒު ފުރިހަމަކުރުމަށްފަހު އެގައުމަށް ދަތުރު ކުރާ ފަރާތްތަކުން މިހާރު 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް، އޮން އެރައިވަލްގައި ހަދަން ޖެހޭ ޕީސީއާރް ޓެސްޓުން ނެގަޓިވް ނަތީޖާއެއް ލިބެން ޖެހޭނެކަމަށް ސްރީލަންކާގެ ސިއްހީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މީގެ ކުރީގައި ސްރީލަންކާއަށް އެތެރެވާ ހުރިހާ ފަރާތްތަކުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ.

ކަރަންޓީނު ކުރުމުގެ އުސޫލަށް ބަދަލު އައިނަމަވެސް، ކޮވިޑާ ގުޅިގެން ދަތުރު ކުރުން މަނާ ގައުމަކުން، ސްރީލަންކާއަށް އެތެރެވާ ފަރާތްތަކުން، ވެކްސިން ފުރިހަމަ ކޮށްފައިވީނަމަވެސް ކަރަންޓީނު ވާންޖެހޭނެއެވެ.

ސްރީލަންކާގައި ކޮވިޑް ޖެހިގެން 267،000 އަށްވުރެއް ގިނަމީހުން ރިޕޯޓުކޮށްފައިވާއިރު، މިބަލީގައި 3000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ކޮވިޑް ބައްޔާއެކު ސްރީލަންކާގެ ބޯޑަރުތައް ބަންދުކޮށް ހަރުކަށި ފިޔަވަޅުތަކެއް ދިގުދައްމާލައިގެން ދިޔަ ނަމަވެސް، މިހާރު މިވަނީ އެގައުމުގެ ބޯޑަރުތައް ހުޅުވައި ފަތުރުވެރިންނަށްވެސް މަރުހަބާ ކިޔަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން