ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
މުސްލިމަކާ ދިމާއަށް ލާދީނީ ކިއުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ނަފުރަތުގެ އަމަލުތައް ކަނޑައެޅުމުގެ ނަމުގައި ޤާނޫނުލް އުޤޫބާތަށް އިސްލާޙް ގެނައުމަށް ހުށައަޅާފައިވާ ބިލް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާއި ދެކޮޅު މީހަކު ކަމަށް ތުހުމަތުކޮށް ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާއި މެދު ނަފްރަތު އުފެއްދުމަކީ ނުވަތަ އާއްމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.

އެބިލަށް ކޮމެޓީން ބަދަލުތަކެއް ގެނެސްފައިވާއިރު މިއަދު އޮންނަ މަޖިލީހުގެ ޖަލްސާއަށް އެބިލު މިހާރު ވަނީ އެޖެންޑާ ކޮށްފައެވެ. އެބިލަށް ކޮމެޓީން ގެނައި ބަދަލުތައް ކަމުނުދާކަމަށްބުނެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވަނީ ބިލަށް އިތުރު އިސްލާޙުތަކެއް ހުށައަޅާފައެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާ އޮންނާނީ މެންދުރު 2:00 ގައެވެ. މިއީ މިދައުރުގެ ފަހު ޖަލްސާއެވެ.

އެ ބިލް ދިރާސާކުރުމަށް ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އިސްލާމީ އަގީދާއާ ގުޅުވައިގެން މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބައި އުނިކުރަން ފެނިވަޑައިގަންނަވާ ކަމަށެެވެ. އެއީ އިސްލާމިކް މިނިސްޓްރީން ވެސް އެބައި އުނިކުރަން ހުށަހަޅާފައި ވާތީ ކަމަށް އިންތި ވިދާޅުވިއެވެ. އިންތިގެ އެ ހުށައެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މީހެއްގެ ނަސްލަށް، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ދެވޭ އަނިޔާއެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެކުށް ކުރާ މީހާއަށް އެންމެ ބޮޑުވެގެން 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށާއި، ހަމައެގޮތަށް ރަހީނުކޮށް ޖިސްމާނީ އަނިޔާއެއް ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް ދީގެން ނުވަތަ މީހެއްގެ ފުރާނަޔަށް ގެއްލުންދޭނެ ކަމުގެ ބިރުދައްކައިފި ކަމުގައި ވާނަމަ އެންމެ ބޮޑުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އެ ބިލުގައި ވަނީ ބުނެފައެވެ.

ހަމައެއާއެކު މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުމާއި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލައަށް ބަލާ އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލައަށް ބަލައި ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލައަށް ބަލައި އެމީހަކާއިމެދު ތަފާތު ކުރުމަށް ގޮވާލާ ނުވަތަ އެފަދަ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށްވެސް ބިލުގައި ވެއެވެ.

މިބިލުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވެ ގާނޫނު އަސާސީން މިހާރު ކަށަވަރުކޮށްދީފައިވާ, އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާގޮތަށް ޚިޔާލުފާޅުކުރުމުގެ ހައްގަށް އުނިކަން ލިބޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރަކު ވަނީ ކަންބޮޑުވުން ފާޅުކުރަށްވައި ބަޔާނެއްވެސް ނެރެފައެވެ. އަދި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި އާންމު ރައްޔިތުން ވަނީ މިބިލު ބޭރުކޮށްލުމަށް ވެސް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން