އިންޑިއާގެ ކެރަލާ ސްޓޭޓުން ޒިކާ ވައިރަސް ފެނިފައިވާ ކަމަށް އެސަރަހައްދުގެ ސިއްހީ ވުޒާރާއިން އިއުލާންކޮށްފިއެވެ.

މިިގޮތުން މިހާތަނަށް 13 މީހަކު މިބައްޔަށް ޝައްކުކުރެވި ތަހުލީލުކުރެވެމުންދާކަމަށް ކެރަލާ ސްޓޭޓުގެ ހެލްތު މިނިސްޓަރ ވީނާ ޖޯޖް ވިދާޅުވެފައިވެއެވެ. އަދި 24 އަހަރުގެ މާބަނޑު އަންހެނަކު ތިރުވަނަންތަޕޫރަމް ސިޓީގެ ހޮސްޕިޓަލެއްގައި ޒިކާ ވައިރަހަށް ފަރުވާ ހޯދަމުންދާކަމަށްވެސް ކެރަލާ ސްޓޭޓުގެ ހެލްތު މިނިސްޓަރ ހާމަކުރައްވާފައިވެއެވެ.



ޒިކާ ވައިރަހަކީ އޭޑްސް މަދިރިން ފެތުރޭ ބައްޔެކެވެ. މިބަލި ޖެހޭ މީހުންގެ ތެރެއިން މާބަނޑު އަންހެނުންގެ ފަރާތުން ބަނޑުގައި އޮންނަ ތުއްތު ކުއްޖާއަށް އިންފެކްޝަނެއް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ މާހިރުން ހާމަކޮށްފައިވެއެވެ.

ޒިކާ އަކީ މަދިރީގެ ސަބަބުން އިންސާނުންގެ މެދުގައި ފެތުރޭބައްޔަކަށް ވީނަމަވެސް، މިބަލި ޖެހުމަށްފަހު ޖިންސީ ގުޅުމުންވެސް މިބަލި ފެތުރޭ ކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލުން ހާމަކޮށްފައިވެއެވެ.

ޒިކާ ވައިރަސް ފުރަތަމަ ފެނިފައިވަނީ 1947 ވަނަ އަހަރު ޔުގަންޑާއިންނެވެ. މިބަލިން ސަލާމަތްވުމަށް އެންޓިވައިރަލް ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު