އިސްރާއީލުން ހިފާފައިވާ ގުދުސްގައި ފުޓްބޯޅަ މެޗެއް ކުޅެން ސްޕެއިންގެ މަޝްހޫރު ބާސެލޯނާއިން ދެކޮޅު ހަދައިފިއެވެ.

ބާސެލޯނާއާއި އިސްރާއީލުގެ ބެއިތަރު ފުޓްބޯޅަ ކްލަބާއި ދެމެދު ބާއްވަން ހަމަޖެހުނު އެކުވެރިކަމުގެ މެޗު ކުޅެން ހަމަޖައްސާފައި އޮތީ އިސްރާއިލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ގުދުސްގައެވެ. ނަމަވެސް ގުދުސްގައި މެޗު ކުޅެން ބާސެލޯނާއިން ދެކޮޅު ހެދުމުން، މި މެޗު މިހާރު ކެންސަލްކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން އިރުމަތީ ގުދުސް ހިފައިގެން އުޅުނުނަމަވެސް، ބައިނަލްއަޤްވާމީ މުޖްތަމައުން އެއީ އިސްރާއީލުގެ ބިމެއްކަމަށް ނުބަލައެވެ. ދުނިޔޭގެ ގިނަގައުމުތަކުން ޤަބޫލުކުރަނީ އެއީ ފަލަސްތީނުގެ ބިމެއްކަމަށެވެ.

ބެއިތަރު ފުޓްބޯޅަ ކްލަބުގެ ވެރިޔާ ބުނީ ހިތާމަހުރިކަމެއް ނަމަވެސް، މެޗު ކެންސަލް ކުރަން މަޖުބޫރުކަމަށެވެ. ނަމަވެސް ގުދުސްގެ ޔަހޫދީ މޭޔަރ ވަނީ ބެއިތަރު ފުޓްބޯޅާ ކްލަބުގެ ވެރިޔާއަށް ތައުރީފްކޮށްފައެވެ. އެގޮތުން އިސްރާއީލާއި ދެކޮޅަށް ހިންގާ މިފަދަ ކަންކަމާއި ދެކޮޅަށް އެއްވެސް ތާއީދެއް ނޯންނާނެކަމަށް އޭނާ ބުންޏެވެ.

މިކަމާއި ގުޅޭގޮތުން ބާސެލޯނާއިން މިހާތަނަށް ރަސްމީކޮށް ވާހަކަދައްކާފައެއް ނުވެއެވެ.

ބެއިތަރު ފުޓްބޯޅާ ކްލަބަކީ އިސްރާއިލުގެ ކްލަބްތަކުގެ ތެރެއިން އަރަބި އެއްވެސް ކުޅުންތެރިއެއް ނުހިމެނޭ، ހުސް ޔަހޫދީންގެ ޓީމެކެވެ. އެ ކްލަބުގެ ސަޕޯޓަރުންނަކީ ނަސްލީގޮތުން މީހުންނާއި ދިމާކޮށް ފުރައްސާރަކުރުމަށް މަޝްހޫރުވެފައިވާ ބައެކެވެ.

ބާސެލޯނާއިން ގުދުސްގައި މެޗު ކުޅެން ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، ލިއޮނެލް މެސީ ދެކޮޅު ހަދާފައިވާއިރު، މެސީ ނިސްބަތްވާ އާޖެންޓީނާއިންވެސް ވަނީ 2018 ވަނަ އަހަރު އިސްރާއީލާއެކު ކުޅެން އޮތް މެޗެއް ކެންސަލްކޮށްފައެވެ. އެކަމާއި ގުޅިގެން މެސީއާއި އާޖެންޓީނާއަށް އިސްރާއީލުގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން