އަހަރު ފަހުކޮޅު ނުވަތަ ފިނި މޫސުމުގެ މެދުތެރޭގައި، 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކޮވިޑް ވެކްސިނަށް، ކުއްލިހާލަތުގައި ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވާކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހާމަކޮށްފިއެވެ.

މިއާއެކު ކުޑަކުދިންވެސް ހިމެނޭގޮތަށް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހިގެން ދާނެކަމަށް އެމެރިކާގެ އެފްޑީއޭއިން ލަފާކޮށްފައިވެއެވެ. ހާއްސަގޮތެއްގައި ގިނަ ބަޔަކަށް ވެކްސިން ޖެހުމުން ކޮވިޑުން ރައްކާތެރިވުމުގެ ފުރުސަތު ބޮޑުވުމާއި، ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމަށް އެފްޑީއޭއިން ބުނެފައިވެއެވެ.

މިގޮތުން ކޮވިޑް ވެކްސިން އުފައްދާފައިވާ މޮޑަރނާ އަދި ފައިޒާ ކުންފުނިން މިހާރު ދަނީ 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކޮވިޑް ވެކްސިނުގެ ތަހުލީލުތަކެއް ކުރަމުންނެވެ. މިވެކްސިނުގެ ތަހުލީލުތަކުގެ ނަތީޖާ ފިނިމޫސުމުގެ ކުރިން ލިބޭނެކަމަށް އެކުންފުނިތަކުން ވަނީ ހާމަކޮށްފައެވެ. އުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ހާއްސަކޮށް ކުރިއަށްދާ ކޮވިޑް ވެކްސިނުގެ ތަހުލީލުތައް ހަދަމުން އަންނަ ފައިޒަރ ކުންފުނިން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހިސާބުގައި ވެކްސިނުގެ ތަހުލީލުތަކުގެ ނަތީޖާ ލިބޭނެކަމަށް ބުނެފައެވެ.

މިވަގުތު އެމެރިކާގައި ކޮވިޑް ވެކްސިން ހުއްދަކޮށްފައިވަނީ 12 އަހަރުން މަތީގެ އުމުރުފުރާގެ މީހުންނަށެވެ. އެމެރިކާގެ އެފްޑީއޭގެ މިހުއްދަ އާއިއެކު، 18 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ކޮވިޑް ވެކްސިން ދިނުމަށް އެމެރިކާގެ އިތުރުން ބައެެއް އެހެން ގައުމުތަކުންވެސް ވަނީ ހުއްދަދީފައެވެ.

އެމެރިކާގެ ސީޑީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ހަތަރު މިލިއަނެއްހާ ކުޑަކުދިންނަށް ކޮވިޑް ޖެހި، 335 ކުޑަކުއްޖަކު މިބަލީގައި މަރުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން