މިސްކިތަށް އެރުމަށް މުސްލުމަކު ވުޟޫކުރަނީ
މިސްކިތަށް އެރުމަށް މުސްލުމަކު ވުޟޫކުރަނީ
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެ ފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. އެއްދުވަހަކު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޖައްނަތުލް ބަޤީއަށް އެބަހީ މަދީނާގެ ގަބުރުސްތާނަށް ވަޑައިގަތެވެ. ދެން އެތާނގައި ތިބި މައްޔިތުންނާއި މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މުޢުމިނު ޖަމާޢަތުގެ ގޮވަތީގެ އަޙުލުވެރިންނެވެ. ތިޔަބައި މީހުންގެ މައްޗަށް މާތް ﷲ ގެ ޙަޟްރަތުން ގިނަގުނަ ސަލާމް ހުއްޓެވެ. ހަމަކަށަވަރުން މާތް ﷲ އިރާދަކުރެއްވިޔާ، އަހަރެމެން ތިޔަބައި މީހުންނާ ބައްދަލުކުރާހުށީމެވެ. އެހެންޏާ އަހަރެން އުއްމީދުު ކުރައްވަނީ (ދުނިޔޭގައި) އަހަރެމެންގެ އަޚުންނާ ބައްދަލުކޮށް އެމީހުން ދުށުމަށެވެ." މިހެން އެކަލޭގެފާނު ވިދާޅުވުމުން އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަން ބޭކަލުންނަކީ ކަލޭގެފާނުގެ އަޚުންނޫންތޯއެވެ. އެވަގުތު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ތިޔައީ އަހުރެންގެ އަޞްޙާބުންނެވެ. އަހަރެމެންގެ އަޚުން އަދި ނާދެއެވެ." ދެން އެބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންގެ ތެރެއިން އަދި ދުނިޔެއަށް ނާންނަ ބަޔަކު ކަލޭގެފާނަށް އެނގިވަޑައި ގަންނަވަނީ ކިހިނަކުންތީއެވެ. އެކަލޭގެ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންގެ ޚިޔާލަކީ ކޮބައިހެއްޔެވެ. މީހެއްގެ އަތުގައި މޫނާއި ހަތަރެސްފައިގައި ހުފު ލައްތަކެއް ހުރި ސާފު ކަޅު އަހެއް އެބައޮތެވެ. މިއަސް އޮތީ މުޅިން ސާފުކަޅުކުލައިގެ އަސްތަކެއްގެ ތެރޭގައެވެ. އެއްކަލަ އަހުގެ ވެރިމީހާއަށް އެއަސްތަކުގެ ތެރެއިން އޭނާގެއަސް ވަކިކޮށް ދެނަގަންނަށް ދަތިވާނެ ގެއްޔެވެ." އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއްވެސް ދައްޗެއް ނުވާނެއެވެ. ދެން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " ފަހެ ހަމަކަށަވަރުން، އެމީހުން އެބަހީ، ތިމަންމެންގެ އަޚުން އަންނަހުށީ ވުޟޫގައި ޣުއްރައާއި ތަޚްޖީލު ދިގުކުރާ މީހުންގެ ގޮތުގައެވެ. އަހުރެން އެބައިމީހުންނަށް ކައުޘަރުކީ އާރުން ފެންދެއްވާ ހުށީމެވެ." މިފަދައިންނެވެ. (މުސްލިމު- ނަސާއީ - އިބްނުމާޖާ)

* އިރުޝާދު:

1. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. ޤިޔާމަތް ދުވަހު ތިމަން ކަލޭގެފާނުންގެ އުއްމަތުގެ މީހުން ޙާޟިރު ކުރެވޭހުށި، ވުޟޫކުރުމުގައި ޣުއްރައްތަޙްޖީލު ދިގުކުރުމުގެ ސަބަބުން އެމީހުންގެ ވުޟޫގެ ގުންނަންތައް ވިދަވިދާ ހުންނަ ބައެއްގެ ގޮތުގައެވެ. ވުމާއެކު އެމީހަކަށް ވެވުނު މިންވަރަކުން އެމީހެއްގެ ޣުއްރައްތަޚްޖީލު ދިގުކުރާށެވެ. (އަޙްމަދު، ބުޚާރީ، މުސްލިމު، ނަސާއީ)

2. ޣުއްރާ ދިގުކުރުމަކީ މޫނު ދޮންނައިރު، ނިތުން މައްޗަށް ދޮވުމާއި، ދެކަންފަތާއި ކަރުދަށުން ބަޔަކާއެކު ދޮވުމެވެ. އަދި ތަޚްޖީލު ދިގުކުރުމަކީ އަތާއި ފައި ދޮވުމުގައި ފަރްޟަށް ވުރެން އިތުރަށް އަރުވާފައި އެގުނަންތައް ދޮވުމެވެ.

* މިލިޔުމަކީ އައްޝައިހް ހުސައިން ރަޝީދު އަހުމަދު ނެރުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން