ކޮވިޑް ކޭސްތައް ގިނަވެ ޖޫރިމާނާގެ އަދަބު ހިމަނައިގެން ތައިލެންޑުގެ ބޮޑު ސަރަހައްދެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފިއެވެ.

މިގޮތުން ބައެއް ސަރަހައްދުތަކުގައި ގެއިން ބޭރަށް ނުކުތުން މަނާކޮށް، ރޭގަނޑުގެ ވަގުތު ކާފިއުހިންގައިފައިވެއެވެ. މިފަދައިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައިވަނީ ޖެހިޖެހިގެން ތިން ދުވަސް މަތިން ރިކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް މައްޗަށް ދިއުމާއިއެކުކަމަށް އެގައުމުގެ ސިއްޙީ ވުޒާރާތަކާ ހަވާލާދީ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވެއެވެ.


ތައިލެންޑުގެ އެކި ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކި ފެންވަރުގައި ހަރުކަށިކޮށްފައިވާއިރު، ތައިލެންޑުގެ ހުރިހާ ސަރަހައްދެއްގައި މީހުން އެއްވެއުޅުން ވަނީ މަނާކޮށްފައެވެ. އަދި މިގަވާއިދާ ހިލާފުވާމީހުން ދެއަހަރުގެ ޖަލުހުކުމެއް ނުވަތަ 1219 ޑޮލަރުން ޖޫރިމާނާކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ތައިލޭންޑުގެ ސިއްހީ ވުޒާރާތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން އެގައުމުގެ ކޮވިޑް ކޭސްތައް ވަނީ ވަރަށް ގިނަވެފައެވެ. އަދި މިއީ އެގައުމުގައި ފެތުރެމުންދާ ކޮވިޑުގެ އަލްފާ އަދި ޑެލްޓާ ވޭރިއަންޓުގެ ސަބަބުންކަމަށްވެސް ތައިލޭންޑުގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

މިގޮތުން ތައިލޭންޑުގައި މިދިޔަ 24 ގަޑިއިރު 11،397 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ޖުމްލަ 403،386 މީހަކަށް މިހާތަނަށް ކޮވިޑް ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އަދި މިބަލީގައި 3000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ކޮވިޑުން ރައްކާތެރިވުމަށް ވެކްސިނުގެ ދެޑޯޒު ފުރިހަމަކޮށްފައިވަނީ އާބާދީގެ އެންމެ ފަހެއް އިންސައްތަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު