ޖީންސެއް ލީކަމަށްޓަކައި އިންޑިއާގައި 17 އަހަރުގެ އަންހެންކުއްޖަކު މަރާލައިފިއެވެ.

އިންޑިއާގެ އުއްތަރުޕްރަދޭޝްގައި ހިނގާދިޔަ މިހާދިސާގައި މިޒުވާން އަންހެން ކުއްޖާ މަރާލައިފައިވަނީ އޭނާގެ އާއިލާއިންނެވެ. މިހާދިސާއާއި ބެހޭގޮތުން ނޫހަކަށް މައުލޫމާތު ދެމުން މިޒުވާނާގެ މަންމަ ބުނެފައިވަނީ އޭނާގެ ދަރިފުޅު މަރާލައިފަނީ، ދަރިފުޅުގެ ކާފަޔާއި، ބޮޑުބޭބެމެން އަނިޔާކޮށްގެންކަމަށެވެ.

"އޭނާ ހުރީ ރޯދައަށް އެދުވަހު. ދެން ހަވީރުކޮޅު ޓޮޕަކާ ޖީންސަކާ ލައިގެން ގޭގެ އެންމެންގެ ތެރެއަށް ނުކުތުމުން އެކަމާ ހިތްހަމަ ނުޖެހި އޭނާގެ ކާފަމެން އެއްޗެކޭ ބުނުމުން. ނޭހާ ބުނި ޖީންސަކީވެސް ލާން ހުންނަ އެއްޗެކަމާއި އަދި އޭނާ ޖީންސު ލާނެ ކަމަށް." މިއާއެކު ޒުވާބު ހޫނުވެ ދަރިފުޅު ހޭނެތެންދެން އަނިޔާކުރިކަމަށް ނޭހާގެ މަންމަ ބުނެފައިވެއެވެ.

އަދި އަންހެންކުއްޖާ ހޭނެތުމުން ހޮސްޕިޓަލަށް ކަމަށް ބުނެ ގެއިން ނެރެގެން ގެންދިޔައިރުވެސް މަންމަ އެމީހުންނާއެކު ދާން ހުއްދަ ނުދިން ކަމާއި ދެން އޭގެ އަނެއް ދުވަހު މަރުވެފައި އޮތް އަންހެން ކުއްޖަކު ކޯރެއް ކައިރިން ފެނިގެން ބެލިއިރު މަރުވެފައި އޮތީ އޭނާގެ ދަރިފުޅު ނޭހާ ކަމަށް އޭނާގެ މަންމަ ހާމަކޮށްފައިވެއެވެ.

ނޭހާ ހެދުން އަޅާ ގޮތާމެދު މިފަދަ ޒުވާބުތައް ގޭތެރޭގައި ހިނގުމަކީ އާންމުކޮށް ހިނގާ ކަމެއް ކަމަށްވެސް ނޭހާގެ މަންމަ ބުނެފައިވެއެވެ. އަދި އާއިލާގެ މީހުން ބޭނުންވަނީ ނޭހާ ސްކޫލަށްވެސް ނުފޮނުވަން ކަމަށް ނޭހާގެ މަންމަ ބުނެފައިވެއެވެ.

މިހާދިސާގައި ނޭހާ ޕާސްވަން ނަމަކަށް ކިޔުނު މިޒުވާން އަންހެން ކުއްޖާ މަރާލިކަމުގެ ތުހުމަތުގައި އޭނާގެ ކާފަ، ބޮޑުބޭބެ އަދި ބޮޑު ދައިތަ ހިމެނޭ ގޮތަށް 10 މީހަކު ހައްޔަރުކޮށްފައިވާކަމަށް އިންޑިއާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މިހާދިސާ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން