ފައިޒަރ ކޮވިޑް ވެކްސިނުގެ ބޫސްޓަރ ޑޯޒަކުން ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ލިބޭ ރައްކާތެރިކަން ބޮޑުކަމަށް ފައިޒަރ ކުންފުނީގެ ފަހުގެ ޑާޓާ ތަކުން ދައްކައިފިއެވެ.

ފައިޒަރ ކުންފުނީގެ މިފަހުގެ ޑާޓާ ރިޕޯޓުތަކުން ބުނާގޮތުގައި އެކުންފުނީގެ ކޮވިޑް ވެކްސިނުގެ ބޫސްޓަރ ޝޮޓެއް ނުވަތަ ތިންވަނަ ޑޯޒަކުން، އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންގެ ހަށިގަނޑުގައި ކޮވިޑުގެ ޑެލްޓާ ވޭރިއަންޓް ދައުރުވާ މިންވަރު ދަށްކުރެވިގެން ދާނެއެވެ. އަދި އުމުރުން 65 އަހަރާއި 85 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށް ފައިޒަރ ވެކްސިނުގެ ތިންވަނަ ޑޯޒެއް ޖެހުމުން ވެކްސިނުގެ ދެޑޯޒުން ލިބޭ ރައްކާތެރިކަމަށްވުރެ ރައްކާތެރިކަން އިތުރުކޮށްދޭ ކަމަށްވެސް ފަހުގެ ޑާޓާ ތަކުން ދައްކައެވެ.

މިފަހުގެ ތަހުލީލުތަކުގެ ޑާޓާ އެކުލަވާލައިފައިވަނީ 23 މީހަކު ޓެސްޓުކޮށްގެންކަމަށް ފައިޒަރ ކުންފުނިން ހާމަކޮށްފައިވެއެވެ. އަދި މިނަތީޖާތަކަށް ބިނާކޮށް އިތުރު ދިރާސާތަކެއް ކުރުމަށްފަހު ދިރާސާ ރިޕޯޓު ޝާއިޢު ކުރަން ހަމަޖެހިފައިވާކަމަށް ފައިޒަރ ކުންފުނިން ހާމަކޮށްފައިވެއެވެ.

ފައިޒަރ ކުންފުނީގެ ވެކްސިނުގެ މި ވަގުތީ ނަތީޖާއަށް ބިނާކޮށް ވެކްސިން ދިރާސާ ޓީމުން ވަނީ ފަހުގެ ނަތީޖާ ތަކަށް ބިނާކޮށް ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިނުގެ ތިންވަނަ ޑޯޒެއް ޖެހުމަށް ބާރު އަޅާކަމަށް ހާމަކޮށްފައެވެ. އަދި ތިންވަނަ ޑޯޒެއް ޖެހުމަށް އެންމެ ރަނގަޅީ ވެކްސިނުގެ ދެޑޯޒު ފުރިހަމަ ކުރާތާ 6 މަސް ދުވަސް ފަހުންކަމަށްވެސް ފައިޒަރ ކުންފުނީގެ ދިރާސާ ޓީމުން ހާމަކޮށްފައިވެއެވެ.

ފައިޒަރ ކޮވިޑް ވެކްސިނުގެ ތިންވަނަ ޑޯޒަކުން ކޮވިޑުގެ ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ލިބޭ ރައްކާތެރިކަން ބޮޑުކަމަށް ދައްކާފައިވާއިރު، ކޮވިޑުގެ އެހެން ވޭރިއަންޓްތަކުން ރައްކާތެރިކޮށްދޭ މިންވަރު އިތުރުކަމަށްވެސް މިނަތީޖާތަކުން ދައްކާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން