ކުރީގެ ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީއަށް ދަގަނޑު ބުރިއަކުން ހަމަލާދީ ޒަހަމް ކޮށްލި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެެވެ.

މީގެ ފަސް އަހަރު ކުރިން އުވާލާފައިވާ ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ ވިދާޅުވީ، ހަމަލާދީފައިވަނީ ރޭ 21:15 ހާއިރު ފޮނަދޫ އުތުރު ފަރާތުގެ ބޯޅަދަނޑު ކައިރިން އޭނާގެ އަނބިކަބަލުންނާއެކު ބުރެއް ޖަހާލަން ނިކުމެ އުޅުއްވަނިކޮށް ކަމަށެވެ. ދަނގަނޑު ބުރިއަކުން މަސްއޫދަށް ހަމަލާދީފައިވަނީ ސައިކަލެއްގައި ދިޔަ މީހެކެވެ. ދަނގަނޑު ބުރިންް މަސްއޫދު ބޮލުގައި ޖަހަން އެމީހާ މަސައްކަތް ކުރި ނަމަވެސް ހަމަލާ އިން ސަލާމަތްވުމަށް އަތް ނެގުމުން ހަމަލާ އެރީ އަތަށެވެ. މިހާދިސާގައި އޭނާގެ އަތް ފަޅައިގެން ދިއުމުން ހޮސްޕިޓަލުން ފަރުވާ ވެސް ހޯއްދެވިއެވެ.

އެހެން ނަމަވެސް މިހާރު ހާލު ރަނގަޅު ކަމަށް މަސްއޫދު ވިދާޅުވި އެވެ. އޭނާ އަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑީއޯ ސޯޝަލް މީޑިއާގައި ވަނީއާންމު ކޮށްފައެެވެ. ހަމަލަދޭ ވަގުތު މަސްއޫދުގެ އަނބިކަނބަލުން ބިރުން ހަޅޭއްލަވައި ގަންނަ އަޑު ވެސް ވީޑިއޯ އިން އިވެއެެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ދަގަނޑު ބުރިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައެއް ރޭ 9:15 ހާއިރު ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ދަންވަރު 2:20 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން މަސްއޫދުގެ ކާރެއްގައި ވެސް ވަނީ ރޯކޮށްލާފައެވެ. ފުލުހުންގެ އިދާރާ އިން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން