ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ދަޢުވާ ކުރުމާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޟީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމްގެ ފާޑުކިޔުން ޝަމީމަށް އަމާޒުވީ ނަޝީދު އަވަހާރަކޮށްލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އަދުހަމް އަހްމަދާއިއެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާތީއެވެ.

އަދުހަމް އިއުތިރާފްގެ އެއްބަސްވުން ހެދުމުން އަދުހަމަށް އަންނަން އޮތް 40 އަހަރުގެ ޖަލު ހުކުމް ވަނީ 23 އަހަރަށް ކުޑަވެފައެވެ.

މިމައްސަލައިގައި ދައުވާކުރަން ބައެއް މީހުންގެ މައްސަލަތައް ކޯޓަށް ފޮނުވާފައިވާއިރު، ޕީޖީ ވިދާޅުވީ މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރިކަމަށެވެ.

މިކަމާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ހައިލަމް މިއަދު ވަނީ ‏ސާބިތުވާ ވަރަށް ހެކި ލިބިފައިވާނަމަ، މީހަކު މަރާލަން ބޮންގޮއްވި މީހަކާ އެކީ ދައުލަތުން އިޢުތިރާފުގެ އެއްބަސްވުމެއް ހަދަންޖެހޭ ސަބަބަކީ ކޮބައިތޯ ވިދާޅުވެ، ސުވާލު އުފައްދަވާފައެވެ. އަދި ޕީޖީ ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ބައެއް މީހުން ދައުލަތާއިއެކު އިއުތިރާފުގެ އެއްބަސްވުން ހަދަން ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން އަދުހަމާއެކު އިޢުތިރާފްގެ އެއްބަސްވުން ހަދައި ކޯޓަށް ހުށަހަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސެން ޝަމީމް ވަނީ ވިދާޅުވެފައެވެ.

އަދުހަމަށް ދައުލަތުން ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އެވެ. މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 37 އަހަރުގެ ހުކުމެއް އަންނާނެ އެވެ. އެކަމަކު ޖިނާއީ އިޖުރާއާތުގެ ގާނޫނުން ދޭ އިހްތިޔާރުގެ ދަށުން، ކުށަށް އިއުތިރާފުވެ ތަހުގީގަށް އެއްބާރުލުން ދިނުމުން އޭނާގެއަށް ކުރަން ނިންމާފައިވަނީ 23 އަހަރުގެ ހުކުމެއް އަންނަވަރުގެ ދައުވާތަކެވެ.

ޝަމީމް ވިދާޅުވީ އަދުހަމާއެކު އިއުތިރާފް އެއްބަސްވުމުގައި ހޯމަދުވަހު ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުން ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށަށް 20 އަހަރުގެ ހުކުމަކަށް އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށަށް ތިން އަހަރުގެ ހުކުމަކަށް އެއްބަސްވެފަ އެވެ. އަދި އެއްބަސްވުމުގެ ދަށުން ހަމަލާ ރޭވުމުގެ ދައުވާ ދަޢުލަތުން އަނބުރާ ގެންދާނެ އެވެ. އަދުހަމްގެ އިތުރުން މުޖާޒް މުހައްމަދާއި ތަހްމީން އަހްމަދާއި އަލީ ހައިޝަމަށް ވެސް ވަނީ ބޮޑެތި ދައުވާތަކެއް ކޮށްފަ އެވެ.

ފުލުހުން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައިވަނީ، ތަހުޤީޤަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މި ޙަމަލާ ދިން އަދުހަމް އަހުމަދު ރަޝީދު ހުރީ ޖާނުން ފިދާވެގެންވެސް މިހަމަލާދޭން ތައްްޔާރުވެގެން ކަމަށެވެ. ސީޕީ ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދޭން އެންމެ ފުރަތަމަ ތައްޔާރުވީ 2019 ގައި ކަމަށެވެ. އެކަން ރާވައި 2020 ވަނަ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި ކަމަށާއި، އެގޮތުން މ. ޔާގޫތުގޭ ކައިރީގައި ސައިކަލެއް ބަހައްޓައިގެންވެސް ގޮއްވާލަން 4 ދުވަހެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ފަހުން މޭރީ ބްރައުން ސަރަހައްދުގައި ހުންނަ ޕާކިން ޒޯނުގައި ސައިކަލު ބަހައްޓައިގެން ހަމަލާ ދިނުމަށްވެސް ރޭވިއެވެ. އަދި މިއީ ރައީސް ނަޝީދަށް ޙަމަލާދޭން މަސައްކަތްކުރި ތިންވަނަ ފަހަރު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން