އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބުދުﷲ ޔާމިން ފަސްއަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އެމަނިކުފާނު ޖަލަށްލާންޖެހޭ ކަމަށް ވިދާޅުވި ފަނޑިޔާރުން ލައިގެން ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް އަބުދު ﷲ ޔާމީނަށް ހުކުމްކުރަން ސައްވީސް ގަޑިއިރަށް ވެފައިވަނިކޮށް މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމުން އެމައްސަލަ ބަލައި ރައީސް ޔާމީނަށް ހުކުމްކުރީ ކްރިމިނަލް ކޯޓުގެ އާ ފަނޑިޔާރުންގެ ބެންޗަކުންނެެވެ.

އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވީ، ‏ރައީސް ޔާމީންގެ މައްޗަށް މިހާރު ކޮށްފައިވާ ޙުކުމަކީ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަން ހިސޯރު ކުރައްވައި ޝަރީޢަތްކުރި ފަނޑިޔާރު އަހުުމަދު ހައިލަމް މަޤާމުން ސަސްޕެންޑްކޮށް ކުރި ހުކުމެއް ކަމަށެވެ.





ހައިލަމް ޖޭއެސްސީން ސަސްޕެންޑްކުރީ ވައިބަރ ގުރޫޕަކަށް ލީ ފޮޓޯއަކާއި ގުޅިގެން ސުލޫކީ މައްސަލަ އެއްގައެވެ. ހައިލަމް މަގާމުން ވަކިކުރަން ޖޭއެސްސީން ނިއްމުމުން އޭނާ ފަހުން ވަނީ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.

"އެ ހުކުމަކީ ރައީސް ޔާމިން ޖަލަށް ލާންޖެހޭނެކަމަށް ބުނާ ފަނޑިޔާރުން ލައިގެން ކުރުވި ހުކުމެއް!" ރައީސް ޔާމިންގެ ސަރުކާރުގައި ޕީޕީއެމްގައި މަސައްކަތް ކުރެއްވި އަލްހާން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން ރައީސް އަބުދު ﷲ ޔާމިން މަނީ ލޯންޑަރިންގެ އަމަލު ހިންގެވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު ބޮޑު އަދަދަކުން ޖޫރިމަނާކޮށް ފަސް އަހަރަށްޖަލަށް ލުމަށް ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ. އެމައްސަލަ މިހާރު ވަނީ ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އެމައްސަލަ ސްްޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާއިރު ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރައީސް އަބުދުﷲ ޔާމިން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވާ، ލޯންޑަރކުރިކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން ރިސޯޓެއް ތަރައްގީކުރަން އާރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދައުވާ ކުރުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި ގާނޫނީ އިންޒާރު ދިނުމުގައި ފުލުހުން ގޯސްތަކެއް ހަދާފައިވާތީ، އަލުން މައްސަލައިގެ ތަހުގީގު ފެށުމަށް ރައީސް ޔާމިން ފުލުހަށް ހާޒިރުކުރުމުން އެމަނިކުފާނު ވަނީ އެއީ ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ފުލުހުންނަށް ބަޔާން ދެއްވަން ދެކޮޅު ހައްދަވާފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން