އަހުމަދު މަސްނޫމް   5 އޯގަސްޓު 2021 - 15:39
ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމަކީ ސަރުކާރުގެ އޭޖެންޓެއްކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

އާދަމް ޝަމީމް މިހެން ވިދާޅުވެފައި މިވަނީ ފުއްގިރި ނަމަކަށް ކިޔާ ރަށެއްގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންނަށް ދިން ބަޔާން ލީކުކޮށްލީ، ޕްރޮސެކިއުޓަރ ޖެނަރަލްކަމަށް ބުނެ ބައެއް ފަރާތްތަކުން ތުހުމަތުގެ އިނގިލި ދިއްކުރަމުންދާ ދަނޑިވަޅެއްގައެވެ. މިވާހަކަތައް ޕީޖީ ދޮގުކުރެއްވިނަމަވެސް، އިދިކޮޅު ފަރާތްތަކުން އެ ވާހަކަތައް ޤަބޫލެއް ނުކުރެއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޤާނޫނީ ވަކީލު އާދަމް ޝަމީމް ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމަކީ ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލާ ބޭފުޅެއްކަމަށެވެ. އަދި ޕީޖީއަކީ ސަރުކާރުގެ އެޖެންޓެއްކަމަށާއި އޭނާއަކީ ރައީސް ޔާމީންގެ ޢަދާވާތްތެެރިއެއް ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.



ޝަމީމް ވިދާޅުވީ ޕީޖީއަކީ ރައީސް ޔާމީންގެ ދުޝްމަނުންނާއެކު އެއްބަސްވުން ހަދައި ރައީސް ޔާމީން ފްރޭމްކޮށް އެމަނިކުފާނަށް ބޮޑެތި ގެއްލުން ދޭން އުޅޭ މީހެއްކަމަށެވެ.

"ވަކި މީހެއްގެ ފައިލް އަތުގައި ބާއްވައި، ވަކިމީހަކު ފުރުވާލާފައިވޭ." ޝަމީމް ވިދާޅުވިއެވެ.



ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީން ފުލުހުންނަށް ދެއްވި ބަޔާން ރާއްޖޭގެ އޮންލައިން ނޫހަކަށް ލިބިފައިވާކަމަށް ބުނާއިރު އެ ބަޔާނުގައި ހުރިކަމަށް ބުނާ ވާހަކަތަކެއް ވަނީ އެ ނޫހުން އާއްމުކޮށްފައެވެ.

މިކަމާއި ގުޅިގެން ޕީޕީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ ފުލުުހުންނާއި ޕީޖީ ގުޅިގެން ހިންގި ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ނަމަވެސް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ ރައީސް ޔާމީންގެ ތަހުޤީޤީ ބަޔާން ކޯޓުން އެންމެ ފަހުން ދޫކުރީ ރައީސް ޔާމީންގެ ވަކީލުންނަށް ކަމަށެވެ. އެހެންކަމުން ބަޔާންތައް ލީކު ކޮށްލުމުގެ ފުރުސަތު ރައީސް ޔާމީންގެ ވަކީލުންނަށް އޮންނާނެކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ރައީސް ޔާމީންގެ ބަޔާން ޕްރޮސެކިއުޓަރ ޖެނެރަލާއި ފުލުހުންގެ އަތުގައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރުވެސް އެބަޔާން ލީކުވެފައިނުވާ ކަމަށެވެ. އަދި އެ ބަޔާންތައް ލީކުވެގެން އުޅެނީ ޕީޖީ އޮފީސް ތެރެއިން ނޫންކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ޝަމީމް ވިދާޅުވިއެެވެ.

ރައީސް ޔާމީން ދެއްވި ބަޔާން ލީކްކޮށްލައިގެން ނޫހެއްގައި ޝާއިޢުކޮށްފައިވާއިރު، އެކަމާއި ގުޅިގެން އެ ނޫހާއި މެދު ފިޔަވަޅު އެޅުމަށްވެސް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު