މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް މިރޭ ފަށާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ބައްދަލުވުން ބޭއްވުމަށްޓަކައި އެޗްޕީއޭގެ ގައިޑްލައިނަށް ރިޢާޔަތްކޮށް ސިޓީ ކައުންސިލުން ހުށަހެޅި ގައިޑްލައިނާ އެއްގޮތަށް ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަ ދީފައިވާކަމަށެވެ. އަދި މިރޭ 8:30 ގައި ބާއްވާ ބައްދަލުވުން ސިޓީ ޕާކުގައި ބާއްވަން ނިންމާފައިވާއިރު، އެބައްދަލުވުން ހާއްސަކޮށްފައިވަނީ ގަލޮޅުގެ ރައްޔިތުންނަށްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކުރިއަށް ހުރި ބައްދަލުވުންތަކުގެ ތެރޭގައި މިމަހުގެ 8 ވަނަ ދުވަހު ވިލިމާލެ ރައްޔިތުންނަށް ޚާއްސަކޮށްގެން ވިލިމާލެ ފުޓުބޯޅަ ދަނޑުގައި ބައްދަލުވުން ބާއްވާއިރު، މައްޗަންގޮޅި ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނާނީ މި މަހުގެ 10 ވަނަ ދުވަހު މާފަންނު ޓާފް ދަނޑުގައެވެ. އަދި މާފަންނު ރައްޔިތުންނަށް މިމަހުގެ 12 ވަނަ ދުވަހު މި ބައްދަލުވުން ރަސްފަންނުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ހެންވޭރުގެ ރައްޔިތުންނަށް މި ބައްދަލުވުން އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު ލޮނުޒިޔާރަތް ޕާކްގައެވެ. މީގެއިތުރުން ހުޅުމާލޭގައި ދިރިިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެންވެސް ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައެވެ.

މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މި ބައްދަލުވުންތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމާއި، ގުޅީފަޅުން ގޯއްޗާއި ފްލެޓް ދޭނެ ބިން ކަނޑައެޅުމާއި، އިމާރާތްކުރުމުގެ މަސައްކަތަށް މަގުބަންދުކުރުމުގެ ވަގުތާ ބެހޭގޮތުންނާއި، މަގުމަތީގައި ހިނގާ މީހުންނަށް އުނދަގޫވާގޮތަށް ހުންނަ ކަންކަން ރަނގަޅުކުރުމާއި އެއްގަމު އުޅަނދު ދުއްވުން މަނާ ގޯޅިތަކާއި ބެހޭގޮތުންނާއި، ޓްރެފިކް ވާޑުން ތަޢާރަފްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށެވެ. އެހެންކަމުން މި ބައްދަލުވުންތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ރައްޔިތުންގެ ޚިޔާލުތައް ހުށައެޅުމަށް ސިޓީ ކައުންސިލުން އެދިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން