ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ދަތުރުކުރުމަށްފަހު ކަރަންޓީނު ނިމުމުން ނަގާ ރިލީޒް ސާމްޕަލަށް އަމިއްލައަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ނިއްމައިފައިވާ ކަމަށް ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެއެވެެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ވެކްސިންގެ ދެޑޯޒް ފުރިހަމަނުވާ އަދި ބަލި އުޅޭ ރަށްރަަށުން ދަތުރުކުރާ ފަރާތްތައް ކުރިއެކޭވެސް އެއްގޮތަށް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ކަރަންޓީނުވެ ނަގާ ރިލީޒް ސާމްޕަލް ވެކްސިން ނުޖަހާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަގަންޖެހޭނީ އަމިއްލަ ޚަރަދުގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ސަރުކާރުން މިގޮތަށް ހަމަޖެއްސުމާއި ގުޅިގެން ރަށްރަށަށް ކަރަންޓީނާއެކު ދަތުރުކުރާ ފަރާތްތަކުން ކަރަންޓީނުން ދޫވުމަށް ނަގާ ޓެސްޓުގެ ސާމްޕަލްގެ ހަރަދު ދެން ދައްކަންޖެހޭނީ އަމިއްލައަށެެވެ. ނަޒްލާ ވިދާޅުވީ އެގޮތަށް ފައިސާ ނަގަން ފަށާނީ އަންނަ ސެޕްޓެންބަރ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މީގެ ކުރިން އެގޮތަށް ނަގާ ސާމްޕަލްތަކަށް އެއްވެސް ހަރަދެއް ކަރަންޓީނުވާ ފަރާތުން ދައްކާކަށް ނުޖެހެއެވެ.

އެޗްއީއޯސީއިން މިއަދު ވަނީ ގިނަ އަދަދެއްގެ ކޮވިޑް ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެެ. އެގޮތުން މާލޭ ސަރަހައްދުގައި އޮފީސްތައް ހުޅުވައިގެން މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާއިރު ކޮލެޖްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަވެސް މިއަދުން ފެށިގެން ވަނީ ދީފައެވެ. މީގެ އިތުރުން ޕާޓީތަކާއި ހަފުލާތައް ބޭއްވުމާއި ރެސްޓޯރަންޓްތަކުގައި އާންމު އުސޫލުން ހިދުމަތް ދިނުމުގެ ހުއްދަ ދޭން ނިއްމައިފައިވާކަން އެޗްއީއޯސީއިން ވަނީ ހާމަކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން