އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ދެކިވަޑައިގަންނަވާގޮތް މާ މޮޅުގޮތަކަށް ވެއްޖެ ކަމަށް ވިދާޅުވެ އެޕާޓީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިވަގުތު މާލެ ވަޑައިގެންނެވުމަކީ ރުހިވަޑައިގަންނަވާ ކަމެއް ނޫންކަން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވަނީ ހާމަކުރައްވާފައެވެ. ހަސަން ލަތީފުގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ދެކެވަޑައިގަންނަވާ ގޮތާ ދޭތެރޭ އެމަނިކުފާނު އަބަދުވެސް ވިސްނާވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް އިޝާރަތް ކުރައްވަމުން މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވީ، "ގޮނޑި ކޮއްކޮ" ޗެއާޕާސަން ވުމުން ދެކިވަޑައިގަންނަވާ ގޮތް މާ މޮޅުގޮތަކަށް ވެފައިވާ ކަމަށެވެ. އަދި އެމަގާމުގައި ޖަހާހައި ބެރަކަށް ނަށާނެ މީހަކު ނެތްނަމަ އެއްވެސް ޗެއާއެއް ނެތް ކަމަށާއި އެހެން ނޫނަސް އެއީ އިދާރީ މަގާމެއް ކަމަށް އަލްހާން ވިދާޅުވިއެވެ.



" ޕާޓީގެ އިސް ސިޔާސީ ލީޑަރަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުކަން އޮޅުވާ ނުލައްވާ." މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އަލްހާން ވިދާޅުވިއެވެ.

އަންނަމަސް ނިމުމުގެ ކުރިން މާލެ ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ޗެއާޕާސަން ޙަސަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދު މާލެ ވަޑައިގަންނަވަން ވާނީ މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންކަމާއި ގުޅޭގޮތުން ސަރުކާރުން އަމަލުކުރަން ރާވާފައިވާ ގޮތް އެނގުމުން ކަމަށެވެ.

މެއި 6 ގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތުގައި ހުންނެވުމަށްފަހު މިހާރު ރައީސް ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

އޮންލައިން ފޯރަމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސެޕްޓެމްބަރުގައި މާލެ ވަޑައިގަންނަވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން