ރައީސް ނަޝީދު ބޭރުގައި ބެހެއްޓުމަކީ ސަރުކާރުން ބޭނުންވާ ގޮތްކަމަށް ވެދާނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް، މުޙައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމާއި ގުޅޭ ވާހަކަތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ސަރުކާރުން މަޖިލީހުގެ ރިކޮމެންޑޭޝަންތަކަށް އަމަލުކުރުމުގައި ކަންކުރާނެ ގޮތެއް ނޭނގޭނަމަ ރައީސް މުހައްމަދު ނަޝީދު މިވަގުތު މާލެ ވަޑައިގެންނެވުމަކީ ރުހިވަޑައިގަންނަވާ ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިިގެން އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ކޮމިޓީން ތައްޔާރުކުރި 6 މޭގެ ބޮމުގެ ހަމަލާގެ އިންކުއަރީގައި ހިމެނި ހުށަހެޅުންތަކަށް ސަރުކާރުން އިޖާބައެއް ދޭނެކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައީސް ނަޝީދު ބޭރުގައި ބެހެއްޓުމަކީ ބަޔަކު ބޭނުންވާ ގޮތްކަމަށް ވެދާނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދުގެ ޤާނޫނީ ޒިންމާ އަދާކުރެވޭނެ ގޮތް ހަދަންޖެހޭކަމަށެވެ.

"މަޖިލިސްގެ ރިކޮމެންޑޭޝަންތަކަށް ސަރުކާރުން އިޖާބަ ދޭނެކަމަށް ނުފެނޭ. ދައުރުން ބޭރުގައި ޖަލްސާއެއްވެސް ނުބޭއްވި. ރައީސް ނަޝީދު ބޭރުގައި ބެހެއްޓުމަކީ ބޭނުންވާ ގޮތްކަމަށް ވެދާނެ؟ ރައީސްގެ ޤާނޫނީ ޒިންމާ އަދާކުރެވޭނެ ގޮތް ހަދަންޖެހޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތުގައި ހުންނެވުމަށްފަހު މިހާރު ރައީސް ނަޝީދު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައެވެ.

އޮންލައިން ފޯރަމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ސެޕްޓެމްބަރުގައި މާލެ ވަޑައިގަންނަވާނެކަމަށެވެ. އަދި މެއި 6 ގައި ދިން ހަމަލާއަކީ، އެހަމަލާ ހިންގި މީހުންނާ ހަމައިން އެކަނި ނިމޭނެ ކަމެއް ނޫންކަމަށާއި، އެއީ ބޮޑު ނެޓްވޯކަކުން ކޮށްފައިވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ އެންމެން ހައްޔަރުކޮށް ފިޔަވަޅު އެޅިފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގަންނަވަން ވާނީ މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންކަމާއި ގުޅޭގޮތުން ސަރުކާރުން އަމަލުކުރަން ރާވާފައިވާ ގޮތް އެނގުމުން ކަމަށެވެ. އަދި އޭގެކުރިން ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަކީ ހަސަން ލަތީފު އެދިވަޑައިގަންނަވާ އަދި ރުހިވަޑައިގަންނަވާ ކަމެއްވެސް ނޫންކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން