އަހުމަދު މަސްނޫމް   6 އޯގަސްޓު 2021 - 16:42
ހުޅުމާލޭގައި އަލަށް ހަދާ ކޯވިޑް ފެސިލިޓީގެ މަސައްކަތް އޮކްޓޯބަރުމަހަށް ނިމޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ހާމަކޮށްފިއެވެ.

"އޮރެންޖް ހިޔާ"ގެ ނަމުގައި ހުޅުމާލޭގައި ހަދާ މެޑިކަލް ފެސިލިޓީ ޤާއިމުކުރަމުން އަންނަނީ އެޗް.ޑީ.ސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގައެވެ. މި ފެސިލިޓީ ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ. އެޗް.ޑީ.ސީން ބުނެފައިވަނީ އެ ކޯޕަރޭޝަނުން މަސައްކަތްކުރަނީ ވީހާވެސް އަވަހަށް ފެސިލިޓީގެ މަސައްކަތް ނިންމާ، ސަރުކާރާއި ހަވާލުކުރުމަށްކަމަށެވެ. އެގޮތުން މި ފެސިލިޓީގެ ގާތްގަނޑަކަށް 41 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރޭގައި ކުރަންޖެހޭ ޕާޓިޝަންގެ މަސައްކަތާއި، ފެބްރިކޭޝަންގެ މަސައްކަތާއި، ކުލަލުމާއި ސީލިންގގެ މަސައްކަތްތައްކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

މި މެޑިކަލް ފެސިލިޓީގެ މަސައްކަތްތައް މުޅިން ނިމޭނެކަމަށް އެޗް.ޑީ.ސީން ލަފާކޮށްފައިވަނީ އަންނަ އޮކްޓޯބަރުމަހަށެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ މި ފެސިލިޓީގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓާއި، ދާއިމީ މެޑިކަލް ސްޓާފުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.



ހުޅުމާލޭގައި ހަދާ އައު މެޑިކަލް ފެސިލިޓީ ހެދުމުގައި ސަރުކާރުގެ ވިސްނުންހުރީ އޮކްސިޖަން ސިލިންޑަރު އެއްތަނުން އަނެއްތަނަށް އުފުލުމުގެ ބަދަލުގައި، އޮކްސިޖަން ސްޓޭޝަނަކުން ޕައިޕް މެދުވެރިކޮށް އޮކްސިޖަން ބޭނުންކުރެވޭގޮތް ހެދުމެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި ފެސިލިޓީ ވެގެންދާނީ ކޯވިޑްގެ އިތުރު ރާޅެއް ރާއްޖެއަށް ކުރިމަތިވިޔަސް ފަރުވާގެ ކަންކަމަށް ދަތިނުވާނެހެން ޚިދުމަތްދެވޭނެ ތަނަކަށްކަމަށް ސަރުކާރުން ބުނެއެވެ.

މި ފެސިލިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ މީގެ ކުރިން ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

ކޯވިޑަށް ފަރުވާދިނުމަށް ރާއްޖޭގައި ފުރަތަމަ ފެސިލިޓީއެއް ހެދީ ފަރުކޮޅުފުށީގައެވެ. ނަމަވެސް މިދިޔަ އަހަރު ޖޫންގައިވަނީ ހުޅުމާލޭގައި "ކޯވިޑް މެޑިކަލް ފެސިލިޓީ" ހަދާ، އެތަނުގައި ކޯވިޑާ ގުޅުންހުރި ފަރުވާތައް ދޭން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން