މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާ އުފުލައިފިއެވެ.

މެމްބަރު ރިޒާގެ މައްޗަށް ދައުވާ އުފުލީ ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރަމުން ދިޔައިރު، އޮޅުވާލައިގެން ބިދޭސީން ރާއްޖެ އެތެރެކުރުމާއި މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ރިސޯޓު ހެދުމަށް މަކަރާއި ހީލަތުން ބިދޭސީން ރާއްޖެ އެތެރެކޮށް އަދި ޓްރެފިކް ކޮށްފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން އެހެން ރަށްތަކުން ހޯދައި، ރިޒާގެ ކުންފުނީގެ ބެލުމުގެ ދަށުން އެއްރަށުން އަނެއް ރަށަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭކަމަށެވެ.

އޭގެ އިތުރުން، ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ދިޔަ މީހުންނަށް މުސާރަ އާއި އުޖޫރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވައި، އޭގެ ތެރެއިން މުސާރަ އާއި އިނާޔަތް ހޯދަން އަޑުއުފުލި މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށްފައިވާކަމަށާއި، އަދި ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް އެ މީހުންނަށް މަޖުބޫރުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީ އާއި މަސައްކަތްތެރިންގެ ހައްގުތަކާ ގުޅިފައިވާ އެހެން ފީ އާއި ފައިސާ ނުދައްކައި އެ މީހުންގެ ހައްގު ނިގުޅައިގެންފައިވާކަމަށްވެސް ޕީޖީން އުފުލި ދަޢުވާގައި ބުނެއެވެ.



މިމައްސަލައިގައި ރިޒާގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލާފައިވާއިރު ށ. މިލަންދޫ، ރެޑްރޯސް، ނަސްރުﷲ އުސްމާން އަދި ނ. މާފަރު، ބްލާސަމްގެ، ހަސަން އުމަރުގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ކުށުގައި ބައިވެރިވުމުގެ ދައުވާ ވަނީ އުފުލާފައެވެ.



ބޮޑުފިނޮޅުގައި ބިދޭސީންތަކެއްލައްވާ މަސައްކަތްކުރުމަށްފަހު ފައިސާ ނުދީގެން އެމައްސަލަ ބޮޑުވީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. މިމައްސަލަ ފުލުހުން ތަހުޤީޤްކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. ގިނަ ދުވަސްތަކަކަށްފަހު މިމައްސަލަ ޕީޖީން ކޯޓަށް ވައްދާފައިވަނީ ގިނަބައެއް ގެމީހުންގެ ފާޑުކިޔުން އަމާޒުވުމުންކަން ފާހަގަކޮށްލެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން