މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުން 3 ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންތައް ފުލުހުން ހިންގާފައިވަނީ ރ. ރަސްގެތީމު، ގދ. ތިނަދޫ އަދި ތ. ވޭމަންޑޫގައެވެ.



އެގޮތުން، ރ. ރަސްގެތީމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން ފުރައިގެން އެރަށަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮގަސްޓު މަހުގެ 4 ވަނަ ދުވަހު އުނގޫފާރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ބޯޓުން ބާލާފައިހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

އޭގެ އިތުުރުން، ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓު ފެނިފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮގަސްޓު މަހުގެ 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

ތ. ވޭމަންޑޫގައިވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި މަހުގެ 1 ވަނަ ދުވަހު އެ ރަށު ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން އެ ރަށު ބަނދަރު ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން