ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އަަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ފޫ އަޅުވާލި ގޮތް ބެލުމަށް މަޖިލީހުން ހެދި އިންކުއަރީ ރިޕޯޓަށް ސަރުކާރުން އަމަލުކުރާގޮތް ބެލުމަށް އުސޫލެއް ހަދަން ޖެހޭނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީގެ ރިޕޯޓްގެ ރިކޮމެންޑޭޝަން ތަކަށް ސަރުކާރުން އަމަލުކުރާނެ ގޮތް ބެލުމަށް އުސޫލެއް ކަނޑައެޅުމަށް މަސައްކަތްކުރާނެ ކަމަށެވެ.

" އަދި އެކޮމެޓީން (241 ކޮމެޓީ) އެކަން ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." ހަސަން ލަތީފު ވިދާޅުވިއެވެ.



ހަސަން ލަތީފް އިއްޔެ ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގަންނަވަން ވާނީ މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންކަމާއި ގުޅޭގޮތުން ސަރުކާރުން އަމަލުކުރަން ރާވާފައިވާ ގޮތް އެނގުމުން ކަމަށެވެ. އަދި އޭގެކުރިން ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަކީ އޭނާ އެދިވަޑައިގަންނަވާ އަދި ރުހިވަޑައިގަންނަވާ ކަމެއްވެސް ނޫންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އެގޮތަށް ކަންކަން ކުރަންޖެހެނީ ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލުކޮށްފައި ހުރި ގޮތުންކަމަށެވެ.

"އިންކުއަރީގެ ރިކޮމެންޑޭޝަންސްއަށް އަމަލުކުރަން ރާވާފައިވާ ގޮތް އެނގުނީމަ ނޫނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަކީ އަޅުގަނޑު އެދޭނެ އަދި ރުހޭނެކަމެއް ނޫން. ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލުކޮށްފައިހުރި ގޮތުން މިގޮތަށް ދަންނަވަން މިޖެހުނީ." ހަސަން ލަތީފް ވިދާޅުވިއެވެ.

މަޖިލީހުން ހެދި އިންކްއަރީ ރިޕޯޓާއި ސަރުކާރުން އަޅުއްވަންޖެހޭ ފިޔަވަޅުތަކާއި ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގެ ޔަގީން ކަން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މީގެ ކުރިން ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން