ނުދުއްވާ ގިނަ ދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯއްދެވުމުގެ ގޮތުން ބޭއްވި ގަލޮޅު އަވަށުގެ ރައްޔިތުންގެ ބައްދަލުވުމުގައި، ގަލޮޅުގެ ރައްޔިތެއްގެ ފަރާތުން ހުށަހެޅި ޚިޔާލަކާ ގުޅިގެން ވެހިކަލްތައް ނެގުން މަޑުޖައްސާލާފައިވާކަމަށެވެ.

މުޢިއްޒު ވިދާޅުވީ އުޅަނދުތައް ނެގުމުގައި ކަންތައް ކުރެވެނީ އެންމެ އިސްސާފްވެރި ގޮތަށް ނޫން ކަމަށް ޤަބޫލް ކުރައްވާކަމަށެވެ. އަދި އެމަސައްކަތް އިންސާފްވެރި ކަމާއެކު ކުރުމަށްޓަކައި މިހާރުން ފެށިގެން އެ މަސައްކަތް ވަގުތީގޮތުން ހުއްޓާލެއްވީކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބައެއް މީހުން ފާހަގަކުރި ގޮތުގައި މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތަކީ ރަނގަޅު މަސައްކަތެއްކަމަށާއި އެހެންނަމަވެސް މިކަން ކުރެވެމުންދަނީ އިންސާފުވެރިކަމާއެކު ނޫންކަމަށެވެ. އެގޮތުން ކޯވިޑްގެ ދަތި ދުވަސްވަރެއްގައި ރައްޔިތުން ދުއްވަމުން ގެންދިޔަ އުޅަނދުތައް މަގުމަތީގައި ހުންނާނެކަމަށާއި އެފަދަ އުޅަނދު ތަކަކީ ބޭނުންނުކުރެވި ދޫކޮށްލެވިފައިވާ އުޅަނދުތައް ކަމުގައި ބަލައިގެން ނެގުމަކީ އިންސާފްވެރިގޮތެއް ނޫންކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.

ހަލާކުވެގެން މަގުމައްޗަށް ދޫކޮށްފައިވާ އެއްގަމު އުޅަނދުތަކާއި ނުދުއްވާ ގިނަދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ފުލުހުންނާ ގުޅިގެން ފަށާފައިވަނީ މި އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގައެވެ. އުޅަނދުތައް ނެގުމުގައި ފުރަތަމަ ބަލާނީ މިކަމަށްޓަކައި ކުރި ސަރވޭ ރިޕޯޓްތަކުން ދައްކާ އުޅަނދުތައް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު