އޭނާގެ ވެރިކަމެއްގައި ރާއްޖެ ބަދަލުކޮށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސް ރައްޔިތުންނަށް ދައްކާނެ ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިޔާ އަކުން ރޭ ގެނެސްދިން އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވީ، ރާއްޖެ އުދުއްސައިގަތުމަށް ނުވަތަ ސިންގަޕޫރާއި އެއްފެންވަރަށް ތަރައްގީކުރަން ބޭނުންވާނަމަ ގާނޫނުތަކާއި ގަވާއިދުތައް ރަނގަޅަށް ތަންފީޒުކުރާ ކޮރަޕްޝަނާއި ދެކޮޅު މެރިޓްރޮކްސީއަށް އަމަލުކުރާ ދައުލަތަކަށް ދައުލަތް ވާންޖެހޭ ކަމަށެެވެ. އަދި އެގޮތަށް ދައުލަތް ބަދަލު ނުކޮށް ސިޔާސީ ގޮތުން ކޮއްކޮއާއި ބޭބެ އާއި އެކްޓިވިސްޓުންނަށް ވަޒީފާދޭ އެއްވެސް ގައުމެއް ކުރިއަރައިގެން ނުދާނެ ކަމަށާއި އޭރުން މުޅި ދައުލަތުގެ ތެރޭގައި އޮންނާނީ ކޮރަޕްޝަން ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރުގެ ވެރިކަމެއްގައި ރާއްޖެ ބަދަލުކޮށް ޓްރާންސްފޯމްކޮށް ރައްޔިތުންނަށް އެކަން ދައްކާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑު ގެނެސްދޭންވެގެން މިއުޅެނީ މިދަންނަވާ ކަހަލަ ސަރުކާރެއް، ދިވެހިރާއްޖެ ބަދަލުކުރަން އަޅުގަނޑުމެން ބޭނުންވަނީ މިސްރާބު ބަދަލުކުރަން. އާ މިސްރާބަކަށް ދިވެހިރާއްޖެ ދުއްވަން. އެހެން ނޫނިއްޔާ މި ރާއްޖެ މިހާރު މި ތިބި މަންޒިލްގައި ގަނަތެޅެން ތިބެވިދާނެ." އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ނަސީރު ވިދާޅުވީ ރާއްޖެއާއި ސިންގަޕޫރަކީ އެކުއެކީގައި މިނިވަންކަން ލިބުުނު ދެ ގައުމު ކަމަށެވެ. އެގައުމު ތަރައްގީއާއި ތަހުޒީބުގެ މަގުގައި ބޮޑެތި ކުރިއެރުންތަކެެއް ހޯދަމުންދާއިރު ރާއްޖެ ތަރައްގީގެ މަޑު ދުވެލީގައި ކުރިއަށްދާ ސަބަބާއިމެދު ވިސްނާލަންޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.

"މެރިޓްރޮކްސީ އަށް އަޅުގަނޑުމެން އަމަލުނުކުރީ، ކިޔަވައިގެން ތިބި މީހުންނަށް ދައުލަތުގެ ތެރޭގައި ސަރުކާރުގެ ތެރޭގައި ފުރުސަތު ނުދިނީ ސިޔާސީ ބޭނުންތަކަށް ކޮއްކޮއަށާއި ބޭބެއަށް ވަޒީފާ ދޭން ފެށީ އަޅުގަނޑުމެން. ބިދޭސީ އިންވެސްޓަރުން ރާއްޖެއަށް ނައީ ބިދޭސީ އިންވެސްޓަރަކު އެއާޕޯޓަށް ފައިބާ ހިސާބުން އޭނާގެ ފަހަތުން ރިޝްވަތު ހޯދަން ކަޓު ހޯދަން އެބަ ހިނގާ، އެއާޕޯޓަށް ފައިބާ ހިސާބުން މިނިސްޓަރަކު އެޕްރޯޗްކުރާނެ މެމްބަރަކު ނުވަތަ ރައީސް ވިދާޅުވެގެން ދާނެ ކަޓުނަގަން. އެހެންވީމަ ރާއްޖެއަށް އިންވެސްޓަރުން ނާންނަނީ. މިހުރިހާ އެއްޗެއް ހުއްޓުވާފައި އޮތީމަ ގާނޫނު ހުކުމް ގާއިމްކޮށްފައި އޮތީމަ ސިންގަޕޫގައި." ސިންގަޕޫރު ކުރިއަރައިގެން ދިޔަ ސަބަބުތަށް ހާމަކުރައްވަމުން އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ، ރާއްޖެ އަކީ ވަސީލަތްތަށް ހުރި ގައުމެއް ކަމަށާއި، ދިވެހިންނަކީ ވަރަށް ވިސްނުންތެރި ބަޔއެއް ކަމަށެވެ. ދިވެހިންނަށް މިވަގުތު ބޭނުންވަނީ ފަސްބައި ސާފު ވަރުގަދަ ލީޑަރެއް ކަމަށް އުމަރު ވިދާޅުވިއެވެެ.

"ދިވެހިން ބޭނުންވަނީ ސާފު ލީޑަރަކު އެމީހުން ލީޑްކުރަން، ކޮންމެހެން ޕާޓީއެއް އެހެން އެއްޗެއް ނޫން ބޭނުންވަނީ އެމީހުންނަށް ބޭނުންވަނީ ހެއުލަފާ ވެރިއެއް ބޭނުންވަނީ އެފަދަ ވެރިއަކު މާތް ﷲ ދިވެހިންނަށް މިންވަރު ކުރައްވާ ދުވަހު ދިވެހިން އުދުއްސައިގަނެގެންދާނެ." އުމަރު ވިދާޅުވިއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން