ރިލްވާނަށް ވީގޮތް ހޯދުމަށް ޢާއިލާއިން ކުރި މުޒާހަރާއެއްގެ ތެރެއިން
ރިލްވާނަށް ވީގޮތް ހޯދުމަށް ޢާއިލާއިން ކުރި މުޒާހަރާއެއްގެ ތެރެއިން
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ގެ މައްސަލައިގައި ވީއެންމެ އަވަހަކަށް ދަޢުވާކޮށްދިނުމަށް ޢާއިލާއިން އެދިއްޖެއެވެ.

އެސޯސިއޭޝަން ފޯ ޑިމޮކްރެސީއިން ހިންގާ "ރިލްވާން އެންޑް ޔާމީން ފައުންޑޭޝަން" ގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މީގެ 7 އަހަރުކުރިން 8 އޮގަސްޓް 2014 ގައި، ވަގަށްނަގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟުވާންގެ އާއިލާއާއި މަދަނީ ޖަމާއަތުން ކެނޑިނޭޅި އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވަމުން ދިޔަނަމަވެސް، މިއަދާ ހަމައަށްވެސް އެ އަނިޔާވެރި އަމަލު ހިންގި ކުށްވެރިންގެ މައްޗަށް އިންސާފު ގާއިމްކޮށް، ރިޟުވާނަށް ވީގޮތެއް ދިވެހި ދައުލަތައް ހޯދިފައި ނުވާކަމަށެވެ.

ރިޟުވާންގެ މައްސަލާގައި 2014 ވަނަ އަހަރު ބަޔަކު ހައްޔަރުކޮށް، އަދި އޭގެ ތެރެއިން 3 މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔަ ނަމަވެސް 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ކޯޓުން ހުކުމްކޮށްފައިވަނީ، ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭވަރަށް ހެކި ހުށައަޅާފައިނެތް ކަމަށާއި، އަދި ކޯޓަށް ހެކި ހުށަހެޅުމުގައި އިހުމާލުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

ރިޟުވާން އެންޑް ޔާމީން ފައުންޑޭޝަނުން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ރިޟުވާނަށް އިންސާފު ހޯދައިދޭނޭކަމަށް ވައުދުވެވަޑައިގަތުމަށްފަހު ކަމަށެވެ. އެގޮތުން ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ޑިސެމްބަރ 2018 ގައި ގާނޫނީ ޒިންމާ ހަވާލުކުރި ކޮމިޝަނުން ތަހުގީގުކޮށްފައިވާ އެއްވެސް މައްސަލައެއްގައި މިހާތަނަށް މީހެއްގެ މައްޗަށް ޖިނާޢީ ދަޢްވާއެއް ކުރުމަށް ފޮނުވާފައިނުވާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ކޮމިޝަނުން ކުރަމުންދާ ތަހުގީގަށް ހުރަސް އަޅާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅައި، ރިޟުވާން ގެއްލުވާލި މައްސަލަ ފޮރުވުމުގައާއި އެކަމުގައި ބައިވެރިވީ ކުށްވެރިން ފިލުވުމަށް އެކި ގޮތްގޮތުން އެހީވިކަމަށް ބެލެވޭ، މިހާރު އަދި މީގެ ކުރީގައި ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުންގެ މައްޗަށާއި ރިޟުވާން ގެއްލުވާލުމުގެ މައްސަލަ ރޭވުމުގެ އަޑީގައި ތިބި މީހުންނާއި އަދި އެކަމަށް ފައިސާ ހަރަދު ކުރި މީހުންގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށް ރިޟުވާނުގެ ޢާއިލާއިން ވަނީ ގޮވާލާފައެވެ.

މީގެ ކުރިން މަރު ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމިއްޔާއަކުން ރިޟުވާން ރަހީނުކޮށްގެން ގެންގޮސް ކަނޑު އުޅަނދެއްގައި އޭނާ މަރާލާ ކަނޑުފެއްތީ ކަމަށެވެ. އެމައްސަލައިގެ ތުހުމަތުގައި ބައެއްގެ މައްޗަށް ދައުވާ ކުރުމަށް އެކޮމިޝަނުން ޕީޖީ އޮފީހަށް ވެސް ފޮނުވިއެވެ. އެހެން ނަމަވެސް އެމައްސަލައިގައި ދައުވާ ކުރާ ވަރަށް ހެކި ނެތުމުންނާއި ތަހުގީގް ފުރިހަމަނުވާ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން